ކޮލަމްބޯ (ޖޫން 2): ސްރީލަންކާގެ ސަރުކާރުގެ މުވައްޒަފުން ސާޅި އަޅަން މަޖުބޫރުކޮށް މިދިޔަ ހުކުރު ދުވަހު އެންގި އެންގުން، އަނބުރާ ގެންގޮސްފި އެވެ.

ހުކުރު ދުވަހު ލަންކާގެ ޕަބްލިކް އެޑްމިނިސްޓްރޭޝަން މިނިސްޓްރީން ނެރުނު އެންގުމެއްގައިވާ ގޮތުން ސަލާމަތީ ސަބަބުތަކަށް ޓަކައި ސަރުކާރުގެ މުވައްޒަފުން ހެދުން އެޅުމުގެ ވަކި ގަވާއިދުތަކަށް އަމަލު ކުރަން ޖެހޭނެ އެވެ. އެގޮތުން އަންހެނުން ވަޒީފާއަށް ނުކުންނަން ޖެހޭނީ ސާޅީ އަޅައިގެންނެވެ. އަދި ފިރިހެންނަށް ގައުމީ ހެދުން ނުވަތަ ގަމީހާއި ފަޓުލޫނު ލެވޭނެ އެވެ.

މީގެ އިތުރުން އެ އެންގުމުގައި ވަނީ ދީނީ ގޮތުން ވަކި ގޮތަކަށް ހެދުން އަޅަން ޖެހޭ އަންހެނުންނަށް، އިތުރަށް ނިވާ ވާނެ ގޮތަކަށް ސާޅީ އެޅޭނެ ކަމަށް ބުނެފަ އެވެ.

ހުކުރު ދުވަހު ނެރުނު އެ އެންގުމަކީ މީގެ ކުރިން 1989 ވަނަ އަހަރު ނެރުނު ސާކިއުލާއެކެވެ. އަދި އަނެއްކާ ވެސް އެ އެންގުން ތަންފީޒު ކުރަން ނިންމީ ރައީސް އޮފީހުގެ ހުއްދައާ އެކުގައި ކަމަށް ޕަބްލިކް އެޑްމިނިސްޓްރޭޝަން މިނިސްޓްރީން ބުންޏެވެ.

ނަމަވެސް އެނިންމުން އަނބުރާ ގެންދިޔައީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އެގަވާއިދާ ދެކޮޅަށް ވާހަކަ ދެއްކެވި ފަހުންނެވެ. އެގޮތުން ބޮޑުވަޒީރު ދެކެވަޑައިގަންނަވާ ގޮތުގައި 30 އަހަރުވެފައިވާ އެ އެންގުމަށް ބަދަލު ގެންނަން ޖެހޭ ކަމަށް ބޮޑުވަޒީރުގެ އޮފީހުން ބުންޏެވެ.

ލަންކާގެ ފައްޅިތަކަށާއި ހޮޓާތަކަށް އަމާޒުކޮށް އޭޕްރިލް 21ގައި ދިން ހަމަލާތަކާ ގުޅިގެން އެގައުމުން ވަނީ ކާކުކަން ނޭނގޭ ގޮތަށް މޫނު ފޮރުވުން މަނާކޮށްފަ އެވެ.