24 Oct 2011, 09:41
އިތުބާރު ނެތްކަމަށް ފާސްކޮށް ފިއްލަދޫ ރަށު ކައުންސިލު ރައީސް ކަމުން ވަކިކުރި އެ ކައުންސިލްގެ ރައީސް މުހައްމަދު ވިޖާން މަގާމުން ދުރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ކަނޑައެޅި ނަމަވެސް އޭނާ ރަށުކައުންސިލުގެ އިދާރާއާ ހަވާލުވެވަޑައި ނުގަންނަވާތީ ފިއްލަދޫ ކައުންސިލްގެ އިދާރާ މިއަދު ހުޅުވާނެ ފަރާތެއް ނުވި އެވެ.
އިދާރާ ހުޅުވާނެ މީހަކު ނުވެގެން ނުހުޅުވައި ހުރި ނަމަވެސް ކައުންސިލަރުން ރަސްމީކޮށް ވަޑައިގެން ކައުންސިލު އިދާރާގެ ބޭރުގައި އެބަތިއްބެވި އެވެ.
ވިޖާން މިއަދު ވިދާޅުވީ އޭނާ ރައީސްކަމުން ދުރުކުރި މައްސަލައިގައި ހައިކޯޓުން ހުކުމް ކުރުމުން ރަށުކައުންސިލްގެ އިދާރާ އޭނާއާ ހަވާލުކުރަން، މިހާތަނަށް ރައީސަކަށް ހުންނެވި އާދަމް އިނާޒް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް ކައުންސިލްގެ އިދާރާގެ ތަޅުދަނޑި އާއި ހަވާލުވާނީ ބަލަން ޖެހޭ ކަންތައްތަކެއް ހުރުމުން އެކަންކަން ބެލުމަށް ފަހު ކަމަށެވެ.
"އަޅުގަނޑުމެން އެންމެން މިތިބީ ރަށުކައުންސިލްގެ އިދާރާގެ ބޭރުގައި، ރަށުކައުންސިލްގެ އިދާރާ ހުޅުވަން އެބޭފުޅާ [އިނާޒް] ދެކޮޅު ހައްދަވަމުން ގެންދަވަނީ އަޅުގަނޑު ތަޅުދަނޑިއާ ހަވާލު ނުވާތީ،" ވިޖާން ވިދާޅުވިއެވެ.
ވިޖާން ވިދާޅުވީ ރަށުކައުންސިލްގެ އިދާރާ ނުހުޅުވައި މަޑުކުރުމަކީ ގާނޫނީ ކުށެއް ކަމަށާއި އެކަން އެގޮތަށް ކުރި ނަމަވެސް ބަލަން ބޭނުންވާ ކަންތައްތައް ބެލުމަ ފަހު ނޫނީ ތަޅުދަނޑިއާ ހަވާލުވެވެން ނެތް ކަމަށެވެ.
ވިޖާންގެ މައްޗަށް އިތުބާރުނެތް ކަމަށް ފާސްކޮށް އޭނާ ރަށު ކައުންސިލްގެ ރައީސްކަމުން ދުރުކޮށްފައި ވަނީ ފިއްލަދޫގައި ބަޔަކު ބަކަރިތަކަކާ ޖިންސީގުޅުން ހިންގިކަމަށް ބުނާ މައްސަލައެއްގައި މީޑިޔާއަށް މައުލޫމާތު ދެއްވުމާ ގުޅިގެންނެވެ.
ވިޖާންގެ އިތުބާރު ނެތްކަމުގެ ވޯޓް ނަގާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެރަށު ކޯޓަށް އޭނާ ހުށައެޅުއްވި މައްސަލައިގައި ރަށު ކޯޓުން ހުކުމްކޮށްފައި ވަނީ އެ ވޯޓް ނަގާފައި ވަނީ ގާނޫނާ އެއްގޮތަށް ކަމަށެވެ. ނަމަވެސް އެ މައްސަލަ ހައިކޯޓްގައި އިސްތިއުނާފް ކުރުމުން ހުކުމްކޮށްފައި ވަނީ ވޯޓް ނަގާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.