02 Jun 2019, 12:45
ވޮޝިންޓަން (ޖޫން 2): އެމެރިކާގެ ވިސާއަށް އެދޭ މީހުން ބޭނުން ކުރާ ސޯޝަލް މީޑިއާ އެކައުންޓުތަކުގެ މައުލޫމާތު ހޯދަން އެގައުމުން ފަށައިފި އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން އިއްޔެ ތަންފީޒު ކުރަން ފެށި އާ ގަވާއިދުގައިވާ ގޮތުން އެގައުމުގެ ވިސާއަށް އެދޭ ގިނަ މީހުން، އެމީހުންގެ ބައެއް ސޯޝަލް މީޑިއާ ޔޫޒާނޭމް އާއި ފާއިތުވި ފަސް އަހަރު ތެރޭ ބޭނުން ކުރި އީމެއިލް އެޑްރެސްތަކާއި ފޯނު ނަމްބަރުތައް ބުނެ ދޭން ޖެހޭނެ އެވެ.
އަދި ޑިޕްލޮމެޓިމް އަދި ރަސްމީ ވިސާއަށް އެދޭ ފަރާތްތައް އެގަވާއިދުން އިސްތިސްނާވި ނަމަވެސް އެމެރިކާ އަށް ވަޒީފާ އަދާ ކުރުމަށާއި ކިޔަވަން ދާ ފަރާތްތަކުގެ ސޯޝަލް މީޑިއާ އެކައުންޓުތައް ހާމަ ކުރަން ޖެހޭނެ އެވެ.
މީގެ ކުރިން އެފަދަ މައުލޫމާތު ދޭން ޖެހެނީ ޓެރަރިސްޓު ގުރޫޕުތަކުން ކޮންޓްރޯލު ކުރާ ގައުމުތަކަށް ޒިޔާރަތްކޮށްފައިވާ މީހުން ފަދަ، އިތުރު ސްކްރީނިން ބޭނުންވާ މީހުންނެވެ. ނަމަވެސް މިހާރު ވިސާއަށް އެދޭ ގިނަ މީހުން، އެމެރިކާއިން ލިސްޓު ކުރާ ސޯޝަލް މީޑިއާތަކުގައި އުޅޭ ނަމަ، އެބޭނުންކުރާ އެކައުންޓެއްގެ މައުލޫމާތު ދޭން ޖެހޭނެ އެވެ. އަދި އެކަމާ ބެހޭ ގޮތުން ދޮގު ހަދާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް އިމިގްރޭޝަން އޮފިޝަލުން ވިދާޅުވި އެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އެގަވާއިދު ފުރަތަމަ ހުށަހެޅީ މިދިޔަ އަހަރުގެ މާޗުގަ އެވެ. އޭރު އެމެރިކާގެ މަދަނީ ހައްގުތަކަށް މަސައްކަތް ކުރާ ސިވިލް ލިބަޓީސް ޔޫނިއަންއިން ވަނީ ސޯޝަލް މީޑިއާ މޮނިޓާ ކުރުމަކީ ބޭނުންތެރި އަދި ރަނގަޅު ކަމެއް ކަމަށް ދޭހަވާ އެއްވެސް ހެއްކެއް ނެތް ކަމަށް ބުނެފަ އެވެ.
އެމެރިކާގެ ރައީސްކަމަށް ޓްރަމްޕް ވަޑައިގެންނެވީ ގައުމަށް މީހުން ހިޖުރަ ކުރުން ކޮންޓްރޯލު ކުރައްވާނެ ކަމުގެ ވައުދާއެކު އެވެ.