02 Jun 2019, 11:10
މި އަހަރުގެ ފިތުރު އީދު ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުންނާ އެކު އީދު ސަލާން ކުރުން އޮންނަ ވަގުތުތައް ހާމަކޮށްފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ، އީދު ސަލާން ކުރުން އޮންނާނީ ރައީސްގެ ދެކަނބަލުން ދިރިއުޅުއްވާ މުލިއާގޭގައި ކަމަށެވެ. އީދު ސަލާން ކުރުން އޮންނާނީ އީދު ނަމާދަށް ފަހު އެ ދުވަހުގެ 9:30 އިން 10:30އަށް ކަމަށެވެ.
އީދު ސަލާން ކުރަން ކޮންމެ އުމުރެއްގެ ދިވެހި ރައްޔިތުންނަށް ޒިޔާރަތް ކުރެވޭނެ ކަމަށާއި، އަދި ބޭރު ގައުމުތަކުގެ އޮފިޝަލުންނަށްވެސް ޒިޔާރަތް ކުރެވޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިދިޔަ ފިތުރު އީދުގައި ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި ހުންނެވި އިރު، އީދު ސަލާން ކުރުން އޮތީ އޭރުގެ ރަސްރަނި ބަގީޗާގެ ތެރޭގައެވެ.