02 Jun 2019, 10:09
އަންނަ މަހުގެ ފުރަތަމަ ދުވަހު އޮލިމްޕަސް ސްކްރީނަށް އަންނަ ފިލްމު "މާމުއި"ގެ ޓިކެޓް މާދަމާ ފެށުމަށް ނިންމައިފިއެވެ.
ދިވެހި ފިލްމު އިންޑަސްޓްރީގައި މިވަގުތު އެންމެ ވަރުގަދަ ފިލްމު ކުންފުނި ޑާކްރެއިން އެންޓަޓެއިންމަންޓްގެ "މާމުއި"ގެ ޓިކެޓް ވިއްކުން ކުރިއަށްދާނީ މެންދުރު 14:00 އިން ރޭގަނޑު 23:00ގެ ނިޔަލަށެވެ.
ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ސަންއަށް ބުނީ ފިލްމުގެ ޓިކެޓަށް މިހާރުވެސް ބުކް ކުރެވޭނެ ކަމަށެވެ. ޑާކްރެއިންގެ ހޮޓްލައިން ނަންބަރު 9911229 އާ ގުޅުމުން ޓިކެޓް ބުކް ކުރެވޭނެއެވެ.
"މާމުއި"އަކީ އެ ސްޓޫޑިއޯ އިން އުފެއްދި އެންމެ އަގުބޮޑު އެއް ފިލްމެވެ.
"މާމުއި" އަކީ އައިޝަތު ފުއާދު އަދި އަހްމަދު ތޮލާލުގެ ވާހަކައެއްގެ މައްޗަށް ހަދާ ފިލްމެކެވެ.
ފިލްމުގެ ޑައިރެކްޓަރަކީ އަލީ ޝިފާއު (ޗިއްޕެ) އެވެ.
މާމުއިގައި ހަރަކާތްތެރިވާ ތަރިންނަކީ އިސްމާއީލް ޖުމައިހް (ޖުމާ)، ސަމާހަތު ރާޒީ، ޝާޔާ، އަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ)، މަރިޔަމް މަޖުދާ (މަޖޫ)، އަހްމަދު ސުނީ، ހަމްދާން ފާރޫގް، އާދަމް ރިޒްވީ، މަރިއްޔާ، އައިމިނަތު ނޫރާ، އަހްމަދް އަމާން، ނުޒުހަތު ޝުއައިބު (ނުޒޫ) އަދި އަހްމަދު ޝާކިރުއެވެ.
ދިވެހި ފިލްމު އިންޑަސްޓްރީގައި މިހާރު އެންމެ ޑިމާންޑް ބޮޑު ބަތަލާ މަރިޔަމް އައްޒަ، ކުޅަދާނަ ބަތަލާ ޝީލާ ނަޖީބު، އިބްރާހިމް އަމާން، މާރިއާ ތްރޭސާ އަދި އަލީ ޝަޒްލީމް ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.
މީގެ އިތުރުން ފިލްމީ ދާއިރާއަށް އަލަށް ތައާރަފްވާ އައިޝަތު ޔާދާވެސް މި ފިލްމުން ހިމެނޭނެ އެވެ.