24 Oct 2011, 09:26
މި އަހަރު ޑިސެމްބަރު 2 ން 12 އަށް އިންޑިޔާގެ ދިއްލީގައި ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ދިވެހި ޤައުމީ ޓީމުގެ ސްކޮޑް ރޭ އިއުލާން ކޮށްފި އެވެ.
މި އަހަރުގެ ޤައުމީ ޓީމުގެ ސްކޮޑްގައި 30 ކުޅުންތެރިން ހިމަނާފައިވާ އިރު، ޓީމުގެ އޮފިސަލުންގެ ގޮތުގައި ހިމަނާފައި ވަނީ ނުވަ ބޭފުޅުންނެވެ.
ޤައުމީ ޓީމުގެ ސްކޮޑް އިޢުލާން ކުރުމަށް ރޭ ނަސަންދުރަ ޕެލެސް ހޮޓަލުގައި އޮތް ކުލަގަދަ ރަސްމިއްޔާތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދާއި ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި އެފްއޭއެމްގެ ރައީސް އަލީ އާޒިމްގެ އިތުރުން ޓީމުގެ މެނޭޖަރާއި ހެޑް ކޯޗް އަދި ޓީމްގެ ބައެއް ކުޅުންތެރިން ބައިވެރިވި އެވެ.
ތިރީސް ކުޅުންތެރިންނާ އެކު ރޭ އިއުލާން ކުރި ޤައުމީ ސްކޮޑްގައި އެންމެ ގިނައީ ވީބީ ސްޕޯޓްސް ކުލަބްގެ ކުޅުންތެރިންނެވެ. އެގޮތުން ވީބީގެ ނުވަ ކުޅުންތެރިން ސްކޮޑަށް ނެގި އިރު، ދެ ވަނައަށް އެންމެ ގިނައީ ވިކްޓަރީ ސްޕޯޓްސް ކުލަބާއި މާޒިޔާގެ ކުޅުންތެރިންނެވެ. އެގޮތުން މި ދެ ޓީމްގައި ވެސް ޖުމްލަ ހަތް ކުޅުންތެރިން ހިމެނިފައިވެ އެވެ. އަދި ތިން ވަނަ އަށް އެންމެ ގިނަ ކުޅުންތެރިން ނެގި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ހަ ކުޅުންތެރިން ހިމެނި އިރު ކުލަބް ވެލެންސިޔާ އިން ސްކޮޑަށް ނެގީ އެންމެ ކުޅުންތެރިއެކެވެ.
ސްކޮޑް ރޭ އިއުލާން ކުރި އިރު، 11 ޑިފެންޑަރުން ހިމެނުން އިރު، މިޑުފީލްޑަރުންގެ ގޮތުގައި ހިމެނެނީ އަށް ކުޅުންތެރިންނެވެ. އަދި ފޯވާޑުންގެ ގޮތުގައި ސްކޮޑަށް ނެގީ ހަތް ކުޅުންތެރިން ނެވެ.
ޤައުމީ ސްކޮޑް ރޭ އިއުލާން ކުރި އިރު، މުބާރާތަށް ތައްޔާރުވުމަށް ޤައުމީ ފުޓްބޯޅަ ޓީމް އަންނަ މަހުގެ ތިން ވަނަ ދުވަހު ވަނީ ޖަރުމަނަށް ފުރުމަށް ހަމަޖެހިފަ އެވެ. އަދި ޖަރުމަނަށް ޤައުމީ ޓީމް ކުރާ ދަތުރުގައި ބައިވެރިވާ ގޮތަށް ހަމަޖެހިފައި ވަނީ 22 ކުޅުންތެރިންނެވެ.
މިފަހަރުގެ މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން ޓީމުގެ ފަރިތަކުރުންތައް އަދި ފެށިފައި ނުވިކަމުގައި ވިޔަސް، އަންނަ މަހުގެ ތިން ވަނަ ދުވަހު ޖަރުމަނަށް ޤައުމީ ޓީމް ކުރާ ދަތުރަކީ މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން ކުރާ މުހިންމު ދަތުރެއް ކަމަށް ޤައުމީ ޓީމުގެ މެނޭޖަރު އަލީ ވަހީދު (ބަލަކް) މީގެ ދެ ދުވަސް ކުރިން ވަނީ ވިދާޅުވެފަ އެވެ.
ބަލަކް ވިދާޅުވީ، ޖަރުމަނަށް ޤައުމީ ޓީމް ކުރާ ދަތުރު ނިންމާލުމަށް ފަހު، މާލޭގައި އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ހަމަޖެހިފައި ވާކަމަށެވެ. އަދި އެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހާއި 22 ވަނަ ދުވަހު ކަމަށެވެ. އަދި ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު ޤައުމީ ޓީމް ބެންކޮކުކަގައި ރަހުމަތް ތެރި ކަމުގެ މެޗެއް ކުޅުމަށް ފުރާނެ ކަމަށް ބަލަކް ވިދާޅުވެފައިވެ އެވެ.
އަންނަ މަހުގެ ތިން ވަނަ ދުވަހު ޤައުމީ ޓީމް ޖަރުމަނަށް ކުރާ ޓުއާގައި އެ ޤައުމުގެ ދެ ވަނަ ޑިވިޝާނާއި ތިން ވަނަ ޑިވިޝަނުގެ ބައެއް ކްލަބުތަކާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ހަމަޖެހިފައިވެ އެވެ.
ރޭ އިއުލާންކުރި ޤައުމީ ޓީމްގެ ސްކޮޑް:
އަލީ އަޝްފާގް (ދަނގަޑޭ) ވީބީ ސްޕޯޓްސް ކުލަބް، މުހައްމަދު އިމްރާން (ގޯލްކީޕަރު) ވީބީ ސްޕޯޓްސް ކުލަބް، މުހައްމަދު ފައިސަލް (ގޯލްކީޕަރު) ވިކްޓަރީ ސްޕޯޓްސް ކުލަބް، މުހައްމަދު ޔަމާން (ގޯލްކީޕަރު) މާޒިޔާ، އަހުމަދު އާތިފް (ގޯލްކީޕަރު) މާޒިޔާ، ސިފާން މުހައްމަދު (ކުޑައްޓޭ) ވިކްޓަރީ، އައްސަދު އަބްދުލް ޤަނީ (އައްސަދު) ވެލެންސިޔާ، މުހައްމަދު އުމައިރު، މާޒިޔާ، ސޮބާޙް މުހައްމަދު އިބްރާހިމް، ނިއުރޭޑިއަންޓް، މުހައްމަދު ޖަމީލް (ޖަމްބޭ) ނިއުރޭޑިއަންޓް، އަހުމަދު ސައީދު (އައްމަޓީ) ވީބީ ސްޕޯޓްސް ކުލަބް، މުހައްމަދު ތަސްނީމް، މާޒިޔާ، ސާފިޢު އަހުމަދު، ވިކްޓަރީ، އަހުމަދު އަބްދުﷲ (ލިލީ) ނިއުރޭޑިއަންޓް، އިސްމާއިލް މުހައްމަދު (އިއްސޭ) ވީބީ ސްޕޯޓްސް، ސަންވީލް ޤާސިމް (ބޮންޑާ) ވީބީ ސްޕޯޓްސް، އަކުރަމް އަބްދުލް ޤަނީ (އަކޫ) މާޒިޔާ، މުހައްމަދު އާރިފް (ބަކާ) ވީބީ ސްޕޯޓްސް، ހަސަން އަދުހަމް ވިކްޓަރީ، އާލީ ފާސިރު (ސެންޓޭ) ނިއުރޭޑިއަންޓް، އިބްރާހިމް ފަޒީލް (އޮއްޕޮ) ވިކްޓަރީ، އައްސަދު އަލީ (އަޑުބަރޭ) ވީބީސްޕޯޓްސް، އަހުމަދު ރަޝީދު (އައްމަޑޭ) މާޒިޔާ، އަހުމަދު ތޯރިގް (ޓޮމް) ނިއުރޭޑިއަންޓް، މުހައްމަދު ހުސެން ނިއާޒް (ބޮކުރީ) މާޒިޔާ، އަހުމަދު ނާސިރު (ނާއްޓޭ) ވީބީސްޕޯޓްސް، ފައިރޫޒް އާދަމް ސަމީރު، ވީބީ ސްޕޯޓްސް، މުހުތާރު ނަސީރު (ޓޫކިލޯ) ވިކްޓަރީ، އިބްރާހިމް ސިޔާމް (ޖޯން، ކުޑަތޮއްޑޫ، ދޮނާ) ނިއުރޭޑިއަންޓް، މުހައްމަދު ރަޝީދު (ހޮކޭ) ވިކްޓަރީ.
ޓީމާ އެކު ރޭ އިއުލާން ކުރި އޮޕިޝަލް ޓީމް:
މުހައްމަދު ޖައުޝަން ޝަރީފް (ޖައު) މީޑިއާ އޮފިސަރު، އަބްދުއްސައްތާރު އަހުމަދު (ސައްތާރު) ކިޓް އެސިސްޓެންޓް، ހަސަން ނިޒާރު އަހުމަދު، ކިޓް މެނޭޖަރު، އަހުމަދު ޝަކީބް (ޑޮކް) ޓީމް ޑޮކްޓަރު،އަސްލަމް އަބްދުލް ރަހީމް، ގޯލްކީޕަރު ކޯޗް، އިސްމާއިލް މަހްފޫޒް (އިންމަ) އެސިސްޓެންޓް ކޯޗް، މޫސާ މަނިކް (ކުޑަ މޫސަ) އެސިސްޓެންޓް ކޯޗް، އުރުބާނީ އިސްތަވާން ބެލާ، ހެޑްކޯޗު، އަލީ ވަހީދު (ބަލަކް) މެނޭޖަރު