01 Jun 2019, 21:26
ދެކުނު އެމެރިކާ ގައުމެއް ކަމުގައިވާ ބޮލިވިއާ އާއެކު ދިވެހިރާއްޖެއިން ޚާރިޖީ ގުޅުން ގާއިމުކޮށްފިއެވެ.
ރާއްޖެއާއި އިކުއަޓޯރިއަލް ގިނީއާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ މިއަދު، އެމެރިކާގެ ނިއުޔޯކުގައެވެ.
އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ނިއުޔޯކުގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ތިލްމީޒާ ހުސައިނާއި، ބޮލިވިއާގެ ދާއިމީ މަންދޫބު ސާޝާ ލޮރެންޓީއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރަހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ފަހުން ރާއްޖެއިން ޚާރިޖީ ގުޅުން ގާއިމުކުރި ފުރަތަމަ ގައުމެވެ.
ބޮލިވިއާއަކީ ދެކުނު އެމެރިކާ ބައްރުގެ މެދުތެރޭގައި އޮންނަ ލޭންޑްލޮކްޑް ގައުމެކެވެ. ބޮލިވިއާއަށް އެ ނަން ދެވިފައިވަނީ ސްޕެއިންގެ އިސްތިއުމާރުގެ ދަށުގައި އެ ގައުމު އޮތް އިރު އެގައުމުގެ މިނިވަންކަމުގެ ހަނގުރާމައިގައި އިސްކޮށް އުޅުއްވި، އެގައުމުގެ މިނިވަންކަމުގެ ރަމްޒެއްގެ ގޮތުގައި ބަލައިގަންނަ ސިމޯން ބޮލިވާރްގެ ނަމުންނެވެ. އެއީ އެގައުމުގެ ފުރަތަމަ ރައީސްވެސް މެއެވެ.
ބޮލިވިއާއަށް ސްޕެއިންގެ ކިބައިން މިނިވަންކަން ލިބުނީ 6 އޯގަސްޓް 1825 ގައެވެ.
ބޮލިވިއާގައި އޮންނަ ސަރުކާރު ހިނގަނީ ރިޔާސީ ނިޒާމެއްގެ މައްޗަށެވެ. އެގައުމުގެ ގާނޫނު ހަދާ މަޖިލީހަކީ ބައިކެމެރަލް ނުވަތަ ދެ ގޭގެ މައްޗަށް އެކުލަވާލެވިފައިވާ މަޖިލީހެކެވެ،
މީގެ އިތުރުން ބޮލިވިއާގެ ތިންބައިކުޅަ އެއްބައި އޮންނަނީ ދެކުނު އެމެރިކާގެ އެންޑީޒް ފަރުބަދަ ރޭންޖުގެ ތެރޭގައެވެ. އެއް މިލިއަން އަކަ ކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ ބޮލިވިއާއަކީ ދެކުނު އެމެރިކާ ބައްރުގެ ފަސްވަނައަށް އެންމެ ބޮޑު ގައުމެވެ.
ރިޕަބްލިކް އޮފް ބޮލިވިއާ
- ވެރިކަން ކުރާ ސިޓީ: 1-ސުކްރޭ އަދި 2-ލާ ޕާޒް
- ދުނިޔެގެ 27 ވަނައަށް އެންމެ ބޮޑު ގައުމު
- ދައުލަތާއި ސަރުކާރުގެ އިސްވެރިޔާ: ރައީސް އީވޯ މޮރާލޭސް
- ރަސްމީ ބަސް: ސްޕެނިޝް އަދި އެކި ގަބީލާތަކުން ވާހަކަދައްކާ 36 ބަހެއް