24 Oct 2011, 08:47
ޕިޖަންބާރީ (އޮކްޓޯބަރ 24) : އިންޑިޔާގެ އިރުއުތުރުގެ ސިއްކީމް ސްޓޭޓްގެ ޕިޖަންބާރީ ސަރަޙައްދުގެ ބްރިޖެއް ވެއްޓުމުގެ ސަބަބުން 27 މީހަކު މަރުވެ އެތައްބަޔަކު ޒަޚަމްވެއްޖެވެ. އިއްޔެ މެންދުރުކުރީގެ ވަގުތެއްގައި ހިނގި މިޙާދިސާގައި ވެއްޓިފައިވަނީ ޕިޖަންބާރީގެ ކޯރެއްގެ މަތިން 40 މީޓަރު އުހުގައި ބިނާކޮށްފައިވާ ލަކުޑި ބްރިޖެކެވެ.
ޕިޖަންބާރީގެ ފުލުހުންގެ އިނިސްޕެކްޓަރެއް ކަމަށްވާ އާނަންދު ކުމާރު ވިދާޅުވިގޮތުގައި މިބްރިޖް ވެއްޓުނީ އޭގެމަތީގައި ގިނަޢަދަދަކަށް މީހުން ޖަމާވެގެން ތިބުމުގެ އިތުރުން ބްރިޖް ބާވެ ލަކުޑިތަކުގެ ބާރުދެރަވެ ބައެއް ލަކުޑިތައް ފީވެފައިވުމުގެ ސަބަބުންނެވެ. ބްރިޖް މަތީގައި ގިނަޢަދަދަކަށް މީހުން ޖަމާވެގެންތިބީ ސިޔާސީ ބޭފުޅެއްގެ ތަޤްރީރެއް އަޑުއެހުމަށެވެ.
ގާތްގަނޑަކަށް 150 ށްވުރެ ގިނަމީހުން ބްރިޖްމަތީގައި ތިއްބާ ބްރިޖް ކުއްލިއަކަށް ރޫޅިގެން ކޯރުތެރެއަށް ބްރިޖް ވެއްޓުނީ ކަމަށާއި ބްރިޖާއެކު ވެއްޓުނު މީހުންގެ ތެރެއިން އެއްބަޔަކު އަމިއްލައަށް ސަލާމަތްވިއިރު 60 މީހަކު ސަލާމަތްކުރީ ފުލުހުންނާއި އާންމުން ގުޅިގެންކަމަށް އޭނާ ވިދާޅުވިއެވެ.
ޕިޖަންބާރީގެ ލޯކަލް އޮފިޝަލެއް ކަމަށްވާ ސިމިޓްރާ މޯހަން ވިދާޅުވިގޮތުގައި ވެއްޓުނު ބްރިޖަކީ ދިގުމުއްދަތެއްވަންދެން މަރާމާތުނުކޮށް ހުރި އަދި މިދިޔަ ސެޕްޓެމްބަރ މަހު އެސަރަޙައްދަށް އައި ބާރުގަދަ ބިންހެލުމެއްގައި ގެއްލުން ލިބިފައިވާ ބްރިޖެކެވެ. މިޙާދިޘާގައި ބަޔަކު ގެއްލިފައިވާތީ އެމީހުން ހޯދުމަށް މަސައްކަތްކުރެވެމުންދާ ކަމަށާއި ޒަޚަމްވީ މީހުން ހޮސްޕިޓަލްތަކަށް ގެންދެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އިންޑިޔާއަކީ މިބާވަތުގެޙާދިޘާތައް ވަރަށްގިނައިން ހިނގާ ޤައުމެކެވެ. -- ޖަރުމަނު ނޫސްއެޖެންސީ