01 Jun 2019, 19:54
އަަލަށް ހުވާ ކުރި ނަވާރަ ވަނަ ރައްޔިތުންގެ މަޖިލިހުގައި ހިމެނޭ ކޮމިޓީތައް އެކުލަވައިލުމުގެ މަސައްކަތް ފަށައިފި އެވެ.
ރައްޔިތުންގެ މަޖިލިހުގައި އޮންނަނީ ދާއިމީ 13 ކޮމިޓީ އެވެ. އެއީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ، ގައުމީ ސަލާމަތުގެ ކޮމިޓީ، އިގްތިސާދީ ކޮމިޓީ، މާލިއްޔަތު ކޮމިޓީ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ، ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ، އިޖުތިމާއީ ކޮމިޓީ، ގައުމީ ތަރައްގީގެ ކޮމިޓީ، އާންމު ކޮމިޓީ، ޕެޓިޝަން ކޮމިޓީ، އިމްތިޔާޒް ކޮމިޓީ، ސުލޫކު ކޮމިޓީ އަދި ގަވާއިދު ކޮމިޓީ އެވެ.
ސަރުކާރު ހިންގާ މައި ޕާޓީގެ މަޖިލިސް މެމްބަރަކު ވިދާޅުވީ އާ މަޖިލީހުގެ ކޮމިޓީތައް އެކުލަވައިލުމުގެ މަޝްވަރާތައް މަޖިލިހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ އިސް ފަރާތްތަކުގެ ބައިވެރިވެގެން ކުރިއަށްދާ ކަމަށެވެ.
ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ފަށަައިފައިވާ އިރު، އެ ކޮމިޓީތައް އެކުލަވާލާނީ އިދިކޮޅު ފަރާތްތަކަށް ވެސް މަޖިލިހުގެ ކޮމިޓީތަކުގައި ހަމަހަމަކޮށް ތަމްސީލް ކުރެއްވޭ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ އޭޕްރީލް މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 65 ގޮނޑި ކާމިޔާބުކޮށް މަޖިލީޖުގެ ސުޕަމެޖޯރިޓީ ހޯދި އެމްޑީޕީއަށް މަޖިލީހުގެ މުހިންމު ކޮމިޓީތަކުގެ އަގުލަބިއްޔަތު ލިބޭނެ ކަމަށް ވަނީ ބެލެވިފައެވެ.
ނަމަވެސް، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ އަގުލަބިއްޔަތު އިދިކޮޅު ފަރާތްތަކަށް ދޭނެ ކަމަށް ވަނީ ބެލެވިފައެވެ. އިދިކޮޅުގައި ހިމެނޭ ޕީޕީއެމާއި ޕީއެންސީއަށް އާ މަޖިލީހުގައި ލިބިފައިވަނީ އެންމެ އަށް ގޮނޑި އެވެ.