މިއަހަރުގެ ފިތުރު އީދު ނަމާދުވެސް ބޮޑު ޖަމާއަތުގައި ސްޓޭޑިއަމްގައި ކުރަން ސަރުކާރުން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭ ސިޓީ ކައުންސިލުގެ މެމްބަރު އަހުމަދު ޒަމީރު ވިދާޅުވީ އީދު ނަމާދު ކުރާނީ އެހެން އަހަރުތަކެކޭވެސް އެއްފަދައިން މާފަންނު ސްޓޭޑިއަމްގައި ކަމަށެވެ. އެގޮތުން އަންހެން ބޭފުޅުންނަށް ހާއްސަކޮށްފައި ވަނީ ސްޓޭޑިއަމްގެ ހުޅަނގުން އޮންނަ މިނީ ޓާފް ދަނޑުކަމަށް ޒަމީރު ވިދާޅުވިއެވެ.

"އެތަނަށް (ސްޓޭޑިއަމަށް) ވަނުމަށް އަޅުގަނޑުމެން ވާނީ ދެފަރާތުން. އެއް ފަރާތަކީ މިފްކޯ ކުރިމަތީގައި އޮތް ވެލިދަނޑު ތެރެއިން. ދެން ޓްރެކް ދަނޑު ތެރޭގައި ދެ ގޭޓް އަލުން ހުޅުވި އެ ދެގޭޓުން ވަދެވޭ ގޮތަށް އަންހެން ބޭފުޅުންނަށް ހާއްސަ ކުރެވިފައިވާނެ ވަކި ދަނޑެއް." މާލޭ ސިޓީ ކައުންސިލް މެމްބަރު ޒަމީރު ވިދާޅުވި އެވެ.

އީދު ނަމާދު ކުރާ ގަޑީގައި ޓްރެފިކް ޕޮލިހުން ހަރަކާތްތެރިވާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.

ވިލިމާލޭގައި އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރަން ނިންމާފައިވަނީ ވިލިމާލެ ބޯޅަ ދަނޑުގައެވެ. ހުޅުމާލޭގައި އީދު ނަމާދު ކުރަން ނިންމާފައިވަނީ ސެންޓްރަލް ޕާކުގައެވެ.

އެހެން އަހަރުތަކުގައިވެސް މޫސުން ތަންދޭނަމަ އީދު ނަމާދު ކުރަނީ ބޮޑު ޖަމާއަތުގައި ސްޓޭޑިއަމްގައެވެ.