އިސްލާމްއާބާދު (ޖޫން 1): ބޭރު ގައުމުތަކަށް ޖާސޫސުކޮށްދިން ކަމަށް ސާބިތުވި ޕާކިސްތާނުގެ އަސްކަރިއްޔާގެ ޖެނެރަލަކު އުމުރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.

ލެފްޓެނެންޓް ޖެނެރަލް (ރިޓަޔާޑް) ޖާވިދު އިގުބާލް އުމުރަށް ޖަލަށް ލާން ހުކުމް ކުރީ ޖާސޫސުކޮށް ސިއްރު މައުލޫމާތު ބޭރުގެ އިދާރާތަކަށް ލީކު ކުރިކަން އަސްކަރީ ކޯޓެއްގައި ސާބިތުވުމުންނެވެ. ޕާކިސްތާނުގައި އެހާ މަތީ ފަންތީގެ އޮފިޝަލެއްގެ މައްޗަށް ޖާސޫސު ކުރުމުގެ ކުށް ސާބިތުވުމަކީ ވަރަށް މަދު ފަހަރެއްގައި ނޫނީ ނުވާ ކަމެކެވެ.

އަދި އެކޯޓުން ވަނީ ސިއްރު އަޑު އެހުމެއްގައި، ރިޓަޔާޑް ބްރިގޭޑިއާ އަކާއި އަސްކަރިއްޔާގައި މަސައްކަތް ކުރި ސިވިލިއަން ޑޮކްޓަރަކު މަރަން ވެސް ބުރާސްފަތި ދުވަހު ހުކުމްކޮށްފަ އެވެ. ނަމަވެސް އެތިން މީހުން ޖާސޫސުކޮށްދިނީ ކޮން ގައުމަކަށްކަމާއި އެ މައްސަލައިގެ އިތުރު ތަފްސީލެއް ކޯޓުން ހާމަ ނުކުރެ އެވެ.

ލެފްޓެނެންޓް ޖެނެރަލް އިގުބާލު އަސްކަރިއްޔާގައި އަދާ ކުރައްވާފައިވާ މަގާމުތަކުގެ ތެރޭގައި ގައުމުގެ ސިފައިންގެ ދާހިލީ އަދި ހާރިޖީ ހުރިހާ އޮޕަރޭޝަންތައް ރާވައި ކުރިއަށްގެންދިޔުމުގެ ޒިންމާ ހަވާލުކޮށްފައިވާ، ޑިރެކްޓާ ޖެނެރަލް އޮފް މިލިޓަރީ އޮޕަރޭޝަންސްގެ މަގާމު ހިމެނެ އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާއެއް ކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލްގައިވާ ގޮތުން ޕާކިސްތާނަކީ އެންމެ ގިނައިން މަރުގެ އަދަބުދޭ އެއް ގައުމެވެ. އެގޮތުން މިދިޔަ އަހަރު އެ ގައުމުގައި 14 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފައިވާ އިރު 250 މީހުން މަރަން ހުކުމްކޮށްފައިވެ އެވެ.