ނަވާޒުއްދީން ސިއްދީގީގެ ކުރިއަށް އޮތް ފިލްމު 'ބޯލެ ޗޫޅިޔާން'ގެ ޝޫޓިން ފަށަން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް، ބަތަލާ މޯނީ ރޯއި އެ ފިލްމު ދޫކޮށްލައިފި އެވެ.

މޯނީ ފިލްމު ދޫކޮށްލިކަން ފިލްމުގެ ޕްރޮޑިއުސަރު ރާޖޭޝް ބާޓިއާ އަދި މޯނީ ވެސް ވަނީ ޔަގީންކޮށްދީފަ އެވެ.

މޯނީ ބުނެފައި ވަނީ ފިލްމު ދޫކޮށްލީ ސްކްރިޕްޓު ކަމުނުދާތީ އާއި ޑައިރެކްޓަރާއި ޕްރޮޑިއުސަރުން ޕްރޮފެޝަނަލް ނޫންވީ އެވެ. އެގޮތުން ފިލްމުގެ ޕްރޮޑިއުސަރުން އޭނާ އާއި ހުތުރުކޮށް ވާހަކަ ދައްކާފައިވާ ކަމަށް މޯނީގެ ފަރާތުން ވަނީ ބުނެފަ އެވެ.

ނަމަވެސް ޕްރޮޑިއުސަރުން ބުނެފައި ވަނީ ޕްރޮފެޝަނަލް ނޫނީ މޯނީ ކަމަށާއި، މޯނީ އަކީ ވަރަށް ޒިންމާދާރުކަން ކުޑަ އެކްޓަރެއް ކަމަށެވެ. އަދި ފިލްމުގެ މަސައްކަތަށް މޯނީ ފަރުވާކުޑަ ކުރާ ކަމަށާއި ސްކްރިޕްޓު ރީޑިން ތަކަށް އައުމުގެ ބަދަލުގައި މޯނީ އުޅެނީ ޗުއްޓީ ހޭދަކުރުމުގައި ކަމަށެވެ.

"އަހަރުމެން މޯނީ އާ ހުތުރުކޮށް ވާހަކަ ދެއްކި ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރަން. ރީޑިން އަކަށް 25 މީހުން ތިބި ކޮންފަރެންސް ރޫމުގައި. މޯނީ އެތަނަށް އައީ ތިން ގަޑި އިރު ލަހުން. މޯނީ ފިލްމުގެ މަސައްކަތުގައި ވަރަށް ފަރުވާކުޑަ އަދި ޒިންމާދާރުކަން ކުޑަ. ފިލްމުގެ ރީޑިންތަކަށް ރަނގަޅަށް ހާޒިރުނުވެ މޯނީ އުޅެނީ ދަތުރުކޮށް ޗުއްޓީ ހޭދަކުރުމުގައި މާ ބިޒީކޮށް،" ޕްރޮޑިއުސަރު ރާޖޭޝް ބާޓިއާ ބުންޏެވެ.

ރާޖޭޝް ބުނީ ފިލްމަށް ވަރަށް ބޮޑެތި ޚަރަދުތަކެއް ކޮށްފައިވާ ކަމަށާއި ފަރުވާތެރިކަމާ އެކު މަސައްކަތް ކުރަން ބުނުމަކީ ޕްރޮފެޝަނަލްވުން ނޫން ކަމަށް ވާނަމަ އެކަމަށް މަޢާފަށް އެދޭކަމަށެވެ. ނަމަވެސް އެމީހުން މަސައްކަތް ކުރަނީ ފިލްމު އުފައްދަން ކަމަށާއި، އެއީ ހިތްހަމަޖައްސާލުމަށް ހޮބީއެއްގެ ގޮތުގައި ކުރާ ކަމެއް ނޫން ކަމަށެވެ.

އަދި ފިލްމުގައި އޭނާއަށް ދީފައިވާ ރޯލު ކުޑަ ކަމަށް މޯނީ ބުނުމުން އެކަމަށް ވެސް ރާޖޭޝް ވަނީ ރައްދު ދީފައެވެ. އެގޮތުން ފިލްމުގައި އަންހެން ލީޑުގެ ރޯލު މީގެ ކުރިން ފިލްމުތަކުގައި މޯނީ ކުޅެފައިވާ "ކުދި ކުދި" ރޯލުތަކަށް ވުރެ އެތައް ތަނެއް ރަނގަޅު ވާނެ ކަމަށެވެ.

"މޯނީއަށް ވެސް އެނގޭ މައްސަލައަކީ އޭނާކަން. އެހެންވެ އަމިއްލ ދިފާއުގައި ވާހަކަ ދައްކަނީ،" ރާޖޭޝް ބުންޏެވެ.

ރާޖޭޝް ބުނީ މޯނީ ފިލްމު ދޫކޮށްލި ނަމަވެސް، ޝޫޓިން ފަށަން ހަމަޖެހިފައި އޮތް ތާރީޚުގައި އާ އެކްޓަރަކާ އެކު ފިލްމުގެ ޝޫޓިން ފަށާނެ ކަމަށެވެ.

އަކްޝޭ ކުމާރުގެ 'ގޯލްޑް' އިން ބޮލީވުޑަށް ތައާރަފުވި މޯނީ ނަވާޒުއްދީންގެ ފިލްމަށް ހަމަޖެއްސީ މިދިޔަ މާޗު މަހު އެވެ.