ސަލްމާން ޚާނާއި ވިވެކް އޮބެރޯއީގެ ޒަމާންވީ "ދުޝްމަން" ކަމަކީ ބޮލީވުޑްގެ ޚަބަރުތައް ބަލާ މީހަކަށް އާ ވާހަކައެއް ނޫނެވެ. ބަތަލާ އަދި ދުނިޔޭގެ ރީތީގެ ރާނީ އައިޝްވާރްޔާ ރާއީ ބައްޗަންގެ ސަބަބުން ދެމީހުންގެ ދެމެދުގައި އުފެދުނު ނުތަނަވަސްކަން އަދިވެސް ނުފިލައެވެ. އެ ރުޅިވެރިކަމުގައި ސަލްމާން، ވިވެކްގެ ފިލްމީ ކެރިއަރު ހަލާކުކޮށްލި ވާހަކަ އަކީވެސް މަޝްހޫރު ވާހަކައެކެވެ.

ނަމަވެސް ވިވެކް މިވަނީ މިހާރު މަޑުމަޑުން އަނެއްކާވެސް ބޮލީވުޑުގައި ފައިތިލަ ސާބިތުކުރުމަށް މަސައްކަތް ފަށައިފައެވެ. ވިވެކް އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބަޔޮޕިކްއިންނެވެ.

ފިލްމަށް ރަނގަޅު ތަރުހީބެއް ލިބެމުން އަންނަ އިރު ވިވެކް ވަނީ މޯދީ އިންޑިއާގެ ބޮޑުވަޒީރުކަމާ ދެވަނަ ދައުރަކަށް ހަވާލުވެވަޑައިގެން ހުވާ ކުރެއްވި ރަސްމިޔާތުގެ ކުރިން މޯދީއަށް މަރުހަބާ ކިޔައި ޓުވީޓެއް ކޮށްފައެވެ. ނަމަވެސް އެ ޓުވީޓުގައި ވިވެކް އަށް ވަނީ އޮޅިގެން ސަލްމާންގެ ކުރިއަށް އޮތް ފިލްމު "ބާރަތު" ޕްރޮމޯޓު ކުރެވިފައެވެ.

ޓުވީޓުގައި ވިވެކް ވަނީ ބާރަތު ބޭނުންކޮށްފައެވެ. "ބާރަތު" އަކީ އިންޑިއާއަށް ކިޔާ ނަމެކެވެ. ވިވެކްވެސް ޓުވީޓުގައި "ބާރަތު" ބޭނުންކުރީ އެ މާނައިގައެވެ. ނަމަވެސް ސަލްމާންގެ ފިލްމު "ބާރަތު" ޕްރޮމޯޓު ކުރުމަށް މިހާރު އެ ހޭޝްޓެގް ބޭނުން ކުރުމުން ފިލްމަށް ޚާއްސަ އިމޯޖީއެއް އަރާގޮތް ޓުވިޓާއިން ވަނީ ހަދައިފައެވެ. އިމޯޖީގައި ވަނީ ސަލްމާންއެވެ.

އެކަން ވިވެކްއަށް ވިސްނުނު ހިސާބުން އޭނާ ވަނީ ޓުވީޓު ޑިލީޓު ކޮށްލައިފައެވެ. އަދި ފަހުން ހަމަ އެ ޓުވީޓު އަލުން ކޮށްފައެވެ. ނަމަވެސް ފަހުން ކުރި ޓުވީޓުގައި "ބާރަތު" ބޭނުންކޮށްފައި ވަނީ ހޭޝްޓެގް ނުލައެވެ.

މީގެ ހަފްތާއެއްހާ ދުވަސް ކުރިން ވިވެކް ވަނީ އައިޝްވާރްޔާއާއި ސަލްމާންގެ މީމްއެއް ވެސް ރީޓުވީޓުކޮށްފައެވެ. އެ މައްސަލަ ހޫނުވެ، އިންޑިއާގެ އަންހެނުންގެ ކޮމިޓީއިން ވަނީ ވިވެކްއަށް ނޯޓިސްއެއް ވެސް ފޮނުވައިފައެވެ. އެއާ ގުޅިގެން ވިވެކް ވަނީ އެ ޓުވީޓު ވެސް ޑިލީޓްކޮށް މައާފަށް އެދިފައެވެ.