އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެއަށް ދީފައިވާ ހިލޭ އެހީއިން އއ. ރަސްދޫގެ ގޮނޑުދޮށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރަން ނިންމައިފިއެވެ.

ރަސްދޫ ގޮނޑުދޮށް މި ފަހަކަށް އައިސް ބޭނުންކޮށްފައި ވަނީ ކުނި އެޅުމަށެވެ. އެހެން ކަމުން، އެ ސަރަހައްދު ގިރުމުގެ ސަބަބުމުން މޫދަށް ދަނީ ކުނި އެޅެމުންނެވެ.

ފޮރިން މިނިސްޓްރީއިން މިއަދު ބުނީ، ހިލޭ އެހީގެ ގޮތުގައި އިންޑިއާއިން ދީފައިވާ 106 މިލިއަން ދިވެހި ރުފިޔާގެ ތެެރެއިން ރަސްދޫގެ ގޮނޑުދޮށް ހިމާޔަތް ކުރަން ކަނޑައަޅާފައި ވަނީ 8 މިލިއަން ރުފިޔާ ކަމަށެވެ. އަދި އެ މަޝްރޫއުގެ ދަށުން ރަސްދޫގައި ގިރަމުންދާ 179 މީޓަރުގެ ސަރަހައްދެއް ހިމާޔަތް ކުރެވޭނެ ކަމަށް އެ މިނިސްޓްރީއިން ބުންޏެވެ.

އިޖްތިމާއީ-އިގްތިސާދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށްޓަކައި އިންޑިއާ ސަރުކާރުން ހިލޭ އެހީ ރާއްޖެއަށް ދިނުމަށް އެއްބަސްވީ މި އަހަރުގެ މާރިޗް މަހު 17 އިން 18 އަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާރނަލް އެފެއާޒް ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

އިންޑިއާއިން ދީފައިވާ އެހީ ބޭނުން ކުރަން ހަމަޖެހިފައި ވަނީ ރާއްޖޭގެ ކަމާ ބެހޭ މުއައްސަސާތަކާ ގުޅިގެންނެވެ.