އިންސާނީ ވަގުފާރި ކުރުމުގެ ތުހުމަތުގައި ހައްޔަރު ކުރި ބިދޭސީ މީހާގެ މައްޗަށް ކުރެވެނީ އޭނާގެ އަންހެނުންނަށް ހަށި ވިއްކަން މަޖުބޫރު ކުރުވި ކަމުގެ ތުހުމަތު ކަމަށް ފުލުހުން ބުނެފިއެވެ.

މި މަހުގެ ތެރޭގައި އިމިގްރޭޝަނުން ވަނީ ރާއްޖެއިން ފުރަން އުޅުނު ބިދޭސީއަކު އިންސާނީ ވަގުފާރި ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ. އިމިގްރޭޝަނުން ބުނީ އެ ފިރިހެން މީހާ ހިފެހެއްޓީ، ދެމަފިރިއެއްގެ ގޮތުގައި، ޗުއްޓީ ހޭދަ ކުރުމަށް ކަމަށް ބުނެ، އޮޅުވާލައިގެން އަންހެނަކާ އެކު ރާއްޖެއަށް އައުމަށް ފަހު، އަނބިމީހާ ކަމަށް ބުނި އަންހެން މީހާ ރާއްޖެއަށް ދޫކޮށްލައި، އެ އަންހެން މީހާގެ ޕާސްޕޯޓާއެކު ރާއްޖެއިން ފުރަން އުޅުމުނުން ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މިއަދު ފުލުހުން ވަނީ މައުލުމާތު އާންމުކޮށްފައެވެ. ފުލުހުން ބުނީ މި މަހުގެ 30 ވަނަ ދުވަހު މައްޗަންގޮޅި ގެއަކުން ހަށިވިއްކާ ކަމުގެ މައުލޫމާތު ލިބިގެން އެ ގެ ބަލައި ފާސްކޮށް، ބަންގްލަދޭޝްގެ ތިން ފިރިހެނަކު ހައްޔަރު ކުރި ކަމަށެވެ.

އެގޭގައި ހަށި ވިއްކަން ގެންގުޅުނު އަންހެން މީހާ އަކީވެސް ބަންގްލަދޭޝްގެ މީހެއް ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ މައްސަލައިގައި ތުހުމަތު ކުރެވެނީ އެ އަންހެން މީހާއަށް ހަށިވިއްކަން މަޖުބޫރު ކުރުވީ އުމުރުން 29 އަހަރުގެ އޭނާގެ ފިރިމީހާ ކަމަށެވެ. އަދި ފިރިމީހާ ކުރި ކަމަށް ބުނާ އަނިޔާގެ ނިޝާންތައް އަންހެން މީހާގެ ގައިން ފެނިފައިވާ ކަމަށްވެސް ބުންޏެވެ.

ފުލުހުން ބުނީ އެ ދެމަފިރިން ރާއްޖެ އައީ ޓޫރިސްޓު ވިސާއެއްގެ ދަށުން މި މަހުގެ 15 ވަނަ ދުވަހު ކަމަށެވެ.

ފިރިމީހާގެ މައުލޫމާތު ފުލުހުން އިމިގްރޭޝަނާ ހިއްސާ ކުރުމުން، އިމިގްރޭޝަނުން ވަނީ އަންހެން މީހާ ޕާސްޕޯޓާއެކު އޭނާ ރާއްޖެއިން ފުރަން ގޮސް ހުއްޓައި ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރު ކުރީ މި މަހުގެ 25 ވަނަ ދުވަގެ ރޭ 22:00 އެހާކަން ހާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

އެ މައްސަލައިގައި ހަށިވިއްކަން މަޖުބޫރު ކުރުވި ކަމަށް ބުނާ އަންހެން މީހާ ވަނީ މިހާރު ސޭފް ހައުސް އަކަށް ބަދަލުކޮށްފައެވެ.

ފުލުހުން ބުނީ މި މައްސަލަ ސީރިއަސް އިންސާނީ ވަގުފާރި ކުރުމުގެ މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ.

އިންސާނީ ވަގުފާރީގެ މައްސަލައަކީ ރާއްޖޭގައި ބޮޑު މައްސަލައެކެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުގެ އިންސާނީ ވޮޗް ލިސްޓުގައި ރާއްޖެ އޮތީ ޓިއާ ދޭއްގައެވެ. އެއީ އިންސާނީ ވަގުފާރި ހުއްޓުވުމުގައި ކުރިއެރުންތަކެއް ލިބިފައިވާ ނަމަވެސް، އަދިވެސް މައްސަލަތަކެއް ހުރި ގައުމުތައް ހިމެނޭ ޓިއާއެވެ.

ރާއްޖޭގައި ހިއުމަން ޓްރެފިކިން ގާނޫނެއް އޮވެއެވެ. އެ ގާނޫނު އުފެއްދީ 2013 ވަނަ އަހަރުއެވެ. އެ ގާނޫނުގެ އުފެެއްދި ފަހުން އިންސާނީ ވަގުފާރީގެ މައްސަލައެއްގައި ފުރަތަމަ ފަހަރަށް ރާއްޖޭގައި ބަޔަކަށް ކުށް ސާބިތުވެ، އެ މީހުން 10 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2016 ވަނަ އަހަރުގ ތެރޭގަ އެވެ.