އދ. މަޖިލިސް (މޭ 31) : ފަލަސްތީނަށް އިގްތިސާދީ އެހީދިނުމުގެ ނަމުގައި އެމެރިކާގެ ބެލުމުގެ ދަށުން ބަހްރައިންގައި ބާއްވާ އިގްތިސާދީ މަހާސިންތާގައި ބައިވެރި ނުވާނެކަމަށް އދ. ން ބުނެފިއެވެ.

އދ. ގެ ތަރުޖަމާން ފަރްޙާނުލްހައްގު ވިދާޅުވީ އަންނަ ޖޫންމަހުގެ ފަހުކޮޅު ބަހްރައިންގައި ބާއްވާ އިގްތިސާދީ މަހާސިންތާގައި ބައިވެރިވުމުގެ ވިސްނުމެއް އަދި ރޭވުމެއްވެސް ނެތްކަމުގައެވެ. އަދި އެކަމަށް އދ. އިން މަސައްކަތް ނުކުރާ ކަމަށްވެސް ފަރްޙާނުލްހައްގު ވިދާޅުވިއެވެ.

ބަހްރައިންގައި ބާއްވާ މަހާސިންތާއަކީ އިސްރާއީލާއި ފަލަސްތީނާ ދެމެދު ސުލްހަ ގާއިމުކުރުމުގެ ނަމުގައި އެމެރިކާ ރާވާފައިވާ މަޝްރޫއު ކަމަށްވާ "ޑީލް އޮފް ދަ ސެންޗަރީ" ތައާރަފުކުރުމަށް ބާއްވާ މަހާސިންތާއަކަށް ވާއިރު އެމެރިކާގެ ސުލްހައިގެ މަޝްރޫއަކީ ފަލަސްތީނުގެ ހައްގުތައް ނިގުޅައިގަތުމުގެ މަޝްރޫއެއްކަމަށް ސިފަކޮށް ފަލަސްތީނުން ވަނީ އެ ސަމިޓްގައި ބައިނުވުމަށް ނިންމާފައެވެ.

މައްކާގައި އިއްޔެ ބޭއްވި އަރަބި އިސްވެރިންގެ ކުއްލި ސަމިޓްގައި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވަނީ ބަހްރައިންގެ ސަމިޓަކީ ފަލަސްތީނުގެ ސިޔާސީ ހައްގުތައް ކަމަށްވާ ފަލަސްތީނުގެ ބިމާއި ދައުލަތާއި ރެފިއުޖީންގެ ހައްގުތަކުގެ ބަދަލުގައި ހަމައެކަނި އިގްތިސާދީ މަޝްރޫއުތަކެއް ހިންގައި ފައިސާ ކޮޅެއްދީގެން ފަލަސްތީނުގެ އަޑު ކަނޑުވާލުމުގެ ސަމިޓެއްކަމަށް ވިދާޅުވެ އެ ސަމިޓްގައި ފަލަސްތީނު ބައިވެރިނުވާނެކަން ރަސްމީ ގޮތެއްގައި އިއުލާން ކުރައްވާފައެވެ.

އަރަބި ގައުމުތަކުގެ އިސްވެރިންނާ މުޚާތަބުކުރައްވައި، އައްބާސް ވިދާޅުވީ ބަހްރައިންގެ ސަމިޓަކީ އދ. ގެ ގަރާރުތަކާއި ބައިނަލްއަގްވާމީ ގާނޫނާ ޚިލާފަށް ފަލަސްތީނު މައްސަލައިގެ އަސްލާއި ހަގީގަތް އޮޅުވާލުމުގެ ރޭވުމެއްގެ ދަށުން ބާއްވަން އުޅޭ ސަމިޓެއްކަމަށް އިޝާރާތް ކުރައްވައި އެ ސަމިޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އައްބާސް ވިދާޅުވީ ފަލަސްތީނުގެ މައްސަލައިގެ ހައްލަކީ ބިމުގެ ބަދަލުގައި ސުލްހަ ކަމަށާ ނަމަވެސް އެމެރިކާ ރާވާފައިވާ "ޑީލް އޮފް ދަ ސެންޗަރީ" މަޝްރޫއަކީ އިންވެސްޓްމަންޓްގެ ބަދަލުގައި ސުލްހަ ކަމަށް ހެދުމުގެ މަޝްރޫއެއް ކަމުގައެވެ.

"ޑީލް އޮފް ދަ ސެންޗަރީ" ބިނާވެފައިވަނީ ފަލަސްތީނުގެ ބިންތަކުން އިސްރާއީލު ނުފާބައި އަދި ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއްވެސް އުފައްދައިނުދީ ހަމައެކަނި ގަލްފުގެ މުއްސަނދި ގައުމުތަކުން ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގައި އިންވެސްޓްކޮށް ތަރައްގީގެ މަޝްރޫއުތަކެއް ހިންގައިދީ ފަލަސްތީނުގެ އާންމުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކޮށްދިނުމުގެ މައްޗަށް ކަމަށް ޚަބަރުތައް ބުނެއެވެ.

އދ. ގަރާރުތައް ބުނަނީ ފަލަސްތީނުން އެދެނީ ހުޅަނގު އައްސޭރިއާއި ޣައްޒާ އިސްރާއީލުގެ ކިބައިން މިނިވަންކޮށް އެދެތަނުގައި ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް އުފެއްދުމަށާ އެ ދައުލަތުގެ ވެރިރަށަކީ އިރުމަތީ ގުދްސުކަމަށް ހެދުމަށެވެ. މިގޮތަށް ހެދުމުން އަރަބި ގައުމުތަކުން އިސްރާއީލު ގަބޫލުކޮށް އިސްރާއީލާއެކު ސުލްހަ ވުމަށެވެ.

ނަމަވެސް "ޑީލް އޮފް ދަ ސެންޗަރީ" ބުނާވެފައި ވަނީ ހުޅަނގު އައްސޭރިއާއި ޣައްޒާ މިނިވަންނުކޮށް އެ ދެތަނުގައި ފަލަސްތީނުގެ ދައުލަތް އުފައްދައިނުދީ އަރަބިން އެދެތަނުގައި އިސްވެސްޓްކޮށް ފަލަސްތީނުގެ ރައްޔިތުންގެ ހާލަތު ރަނގަޅުކޮށްދިނުމުގެ ފުރުސަތު އިސްރާއީލުން ދިނުމުން އަރަބިން އިސްރާއީލާ ސުލްހަވެ އިސްރާއީލު ގަބޫލުކޮށް އިސްރާއީލާ ގުޅުންތައް އުފެދުމުގެ މައްޗަށެވެ.

މި މަޝްރޫއު ތައާރަފުކުރުމަށް ބަހްރައިންގައި ބާއްވާ މަހާސިންތާއަށް ކޭމްޕޭން ކުރަނީ އިސްރާއީލާއި އެމެރިކާގެ ބާރުއެޅުމުގެ މަތިން ސައޫދީއާއި ޔޫއޭއީ އަދި ބަހްރައިނުންނެވެ. މިއީ އީރާނާވެސް ދުޝްމަންކަން ގެންގުޅޭ ތިން ގައުމެވެ. އަދި ޔަމަންގެ ހަނގުރާމައާއި ސީރިއާގެ ހަނގުރާމައިގައިވެސް ޝާމިލުވާ ގައުމުތަކެވެ. ފަލަސްތީނުން ވަނީ އެމެރިކާއިން އެގައުމުގެ އެމްބަސީ ގުދުސަށް ބަދަލުކުރުމާއެކު އެމެރިކާ އިސްވެ އޮވެގެން ސުލްހައަށް ހިންގާ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވުމަށް ނިންމާފައެވެ. މިކަމުގެ ސަބަބުން މެދުއިރުމަތީގައި ސުލްހަ ގާއިމުކުރުމުގެ ހަރަކާތްތަކުގައި އެމެރިކާގެ ދައުރު ވަނީ ވަރަށް ބޮޑަށް ކުޑަވެގެން ގޮސްފައެވެ.

އދ. އާއި ފަލަސްތީނުގެ އިތުރުން ޗައިނާވެސް ވަނީ ބަހްރައިންގެ މަހާސިންތާގައި ބައިވެރި ނުވާނެކަމަށް ބުނެފައެވެ. އަދި ރަޝިއާވެސް އެ މަހާސިންތާގައި ބައިވެރިނުވާނެކަމުގެ އަޑުތައްވަނި ފެތުރިފައެވެ.

(ނޫސްއެޖެންސިތައް)