ކުވައިތު (އޮކްޓޯބަރ 24) : ކުވައިތުގެ ޚާރިޖީ ވަޒީރުކަމުގެ މަޤާމަށް އައްޝައިޚް ސަބާޙުލްޚާލިދުއްސަބާޙް ޢައްޔަންކޮށްފިއެވެ. ކުވައިތު ޝާހީ ޢާއިލާގެ މެންބަރެއްކަމަށްވާ އައްޝައިޚް ސަބާޙުލްޚާލިދުއްސަބާޙް މިމަޤާމަށް ޢައްޔަންކުރެވުނީ ކުވައިތުގެ ޚާރިޖީ ވަޒީރުކަމުގައި ހުންނެވި އައްޝައިޚް މުޙައްމަދުއްސަބާޙް މިދިޔަ ހަފްތާގައި މަޤާމުން އިސްތިއުފާ ދެއްވުމާގުޅިގެންނެވެ.

ކުވައިތުގެ އައު ޚާރިޖީ ވަޒީރު އައްޝައިޚް ސަބާޙުލްޚާލިދުއްސަބާޙް އިއްޔެވަނީ އެޤައުމުގެ އަމީރު އައްޝައިޚް ސަބާޙުލްއަޙްމަދުގެ ކުރިފުޅުމަތީގައި މަޤާމްގެ ހުވާކުރައްވުމަށްފަހު ރަސްމީގޮތުން މަޤާމާ ޙަވާލުވެވަޑައިގެންފައެވެ. އައްޝައިޚް ސަބާޙުލްޚާލިދުއްސަބާޙް އަކީ ޝާޙީ ޢާއިލާގައި ނުފޫޒުގަދަ ބޭފުޅެއްގެ އިތުރުން ކުވައިތުގެ ސަރުކާރުގައިވެސް އިސްމަޤާމްތަކެއް އަދާކުރައްވާފައިވާ ތަޖްރިބާކާރު ބޭފުޅެކެވެ. ކުރިން އޭނާ އަދާކުރެއްވި މަޤާމްތަކުގެ ތެރޭގައި އިންފޮރމޭޝަން މިނިސްޓަރުކަން ހިމެނެއެވެ.
ކުވައިތުގެ ކުރީގެ ޚާރިޖީ ވަޒީރު އައްޝައިޚް މުޙައްމަދުއްސަބާޙް މިދިޔަ ހަފްތާގައި މަޤާމުން އިސްތިއުފާ ދެއްވީ ކޮރަޕްޝަންގެ ތުހުމަތުތަކަކާ ގުޅިގެންނެވެ. -- އަލްޖަޒީރާ