ފަޅު ރަށަކުން 149 ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލައިގައި ހައްޔަރުކުރި އެކަކު ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.

ގދ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ހުޅުވާރުލުން 149 ކިލޯގެ މަސްތުވާތަކެތި ވަޅުލާފައި ހުއްޓާ ފެނުނީ މިދިޔަ އެޕްރީލް މަހު 29 ވަނަ ދުވަހުއެވެ. އެ މައްސަލައާ ގުޅިގެން ފަސް މީހަކު ވަނީ ހައްޔަރު ކުރި އެވެ. ފަސް މީހުންގެ ތެރެއިން ހަތަރު މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ގައްދޫ ކޯޓުން މީގެ ކުރިން ވަނީ އަމުރުކޮށްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ، ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ގެންދިޔުމުން ދޫކޮށްލީ، 30 އަހަރުގެ ގއ. ނިލަންދޫ/ދިހްޝާާންވިލާ، އަލީ ޝާކިރު ކަމަށެވެ. މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި ބާކީ ތިބި ހަތަރު މީހަކު އަދިވެސް ބަންދުގައި އެބަތިބި ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންނަށް ތުހުމަތު ކުރެވެނީ ލޯންޗަކުން ހުލުވާރޮލަށް މަސްތުވާތަކެތި ގެނެސް، ޑިންގީއަކަށް އަރުވައިގެން ރަށަަށް ބާލައި ވަޅުލި ކަމުގެ ތުހުމަތު ކަމަށެވެ. އެމީހުން ހައްޔަރު ކުރި އިރު ލޮންޗުންވެސް ޑިންގީއިންވެސް މަސްތުވާތަކެތި ފެނިފައި ނުވާ ކަމަށް ފުލުން ވަނީ ބުނެފައެވެ.

ފަޅު ރަށުގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ ކިހިނެއް އެތެރެ ކުރި އެއްޗެއް ކަން ސާފު ނުވާ ކަމަށާއި ވަޅު ލާފައި ހުއްޓާ މަސްތުވާތެކެތި ފެނުނީ މި މައްސަލައިގައި ހައްޔަރު ކުރި މީހުން ދިން މައުލޫމާތުންގެ މައްޗަށް ބިނާ ކޮށް ކަމަށް ފުލުން އޭރު ވަނީ ބުނެފައެވެ.

ގދ. ހުޅުވާރުލުން ފުލުހުން މަސްތުވާތަކެތި ކޮނެގެން ނަގަނީ -- ފޮޓޯ/ ފުލުހުން

ހުޅުވާރުލުން ފެނުނު މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ އޮޕިއޭޓްސް އާއި ކެނަބިސްއެެވެ. އެއީ އަޅާފައި ހުރި ޕެކެޓުތަކާ ނުލައި، 96.36 ކިލޯގެ އޮޕިއޭޓްސް އާއި 47.27 ކިލޯގެ ކެނަބިސްއެވެ.

އެ މަސްތުވާތަކެތީގެ މަގުމަތީ އަގު 260 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފުލުހުން ލަފާ ކުރެއެވެ.

ފަޅުރަށެއްގައި ވަޅުލާފައި ހުއްޓާ 149 ކިލޯގެ މަސްތުވާތަކެތި ފުލުހުން ހޯދި އިރު، އޭގެ ދެހަފްތާއެއްހާ ދުވަސް ފަހު، ބ. އަތޮޅުގެ ހުޅަނގުން 126 ނޯޓިކަލް މޭލު ބޭރުން 51 ކިލޯގެ މަސްތުވާތަކެއްޗާ އެކު އީރާނުގެ ބޯޓެއް ފުލުހުން ވަނީ އަތުލައިގެންފައެވެ. މި ދެ މައްސަލައާ ގުޅުމެއް ނެތް ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.

ހުޅުވާރުލުން ފެނުނު 149 ކިލޯގެ މަސްތުވާތަކެއްޗަކީ މިހާތަަނަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެންމެ ގިނަ އަދަދަކަށް މަސްތުވާތަކެތި ފެނުނު އޮޕަރޭޝަން އެވެ. މި އޮޕަރޭޝަން ހިންގުމަށް 72 ގަޑި އިރު ހޭދަ ވިއެވެ.