31 May 2019, 16:01
ލ. އަތޮޅާއި ގއ. އަތޮޅުގެ ބައެއް ރަށްތަކަށް އިއްޔެއާއި ރޭ ކުރި ވިއްސާރައިގައި 150 މިލިމީޓަރަށް ވުރެ ގިނަ ވާރޭ ވެހުނުކަމަށް މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން ހާމަކުރި ތަފާސް ހިސާބުތަކުން އެނގޭގޮތުގައި އިއްޔެ ހެނދުނު 08:00 މިއަދު ހެނދުނު 08:00 އާ ހަމައަށް ލ. ކައްދޫއަށް 187.2 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.
ގއ. އާއި ލ. އަތޮޅުގެ ބައެއް ރަށްތަކަށް ވެހުނު ވާރޭގެ އަދަދު
- ލ. މާވަށް - 170.3 މިލިމީޓަރުގެ ވާރޭ
- ގއ. ކޮލަމާފުށި- 15.4 މިލިމީޓަރުގެ ވާރޭ
- ގއ. ކޫއްޑޫ- 173 މިލިމީޓަރުގެ ވާރޭ

އިއްޔެއާއި ރޭ ރާއްޖޭގެ ބައެއް ހިސާބުތަކަށް ކުރި ވިއްސާރައިގެ ތަފާސް ހިސާބުތައް--- ފޮޓޯ؛ މެޓް އޮފީސް
މެޓް އޮފީހުން ބުނީ ގއ. އަދި ލ. އަތޮޅުގެ ރަށްތަަކަށް ބޯކޮށް ވާރޭ ވެހުނީ އެ ސަރަހައްދުގައި އިއްޔެ މެންދުރު އުފެދުނު ލޯ ޕްރެޝަރު ޓްރަފްއެއް އުފެދި އެ ހިސާބުގައި ވިއްސާރަ ވިލާ މާބޮޑަށް އުފެދުމުން ކަމަށެވެ.
ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި ރޭ 14 ރަށަކަށް ބޯކޮށް ވާރޭވެހި، ފެން ބޮޑުވުމުގެ ސަބަބުން ގޭގެއަށް ފެންވަދެ ގެއްލުންލިބުނު ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓުން އޮތޯރިޓީން ވަނީ ބުނެފައެވެ.
ފެންބޮޑުވި ރަށްތަކުގެ ތެރޭގައި ތ. އަތޮޅު ދިޔަމިގިލި، މަޑިފުށި، ތިމަރަފުށި، ވޭމަންޑޫއާއި ލ. އަތޮޅު ކުނަހަންދޫ، ގަން، ފޮނަދޫ، މާމެންދޫ، މާވަށް، ހިތަދޫގެ އިތުރުން ގއ. އަތޮޅުގެ ވިލިނގިލި، މާމެންދޫ، ދާންދޫއާއި ގދ. ތިނަދޫ ހިމެނެއެވެ.