ގުވާހަޓީ (މެއި 31): އިންޑިއާގެ އަސްކަރިއްޔާގައި މީގެ ކުރިން މަސައްކަތްކުރި މީހަކު ކޯޓަށް ހާޒިރުކުރުމަށްފަހު، އޭނާއަކީ ގައުމުގެ ރައްޔިތެއް ނޫން ކަމަށް ބުނެ ހައްޔަރުކޮށްފިއެވެ.

އިންޑިއާގެ ސިފައިންގެ މީހެއްގެ ގޮތުގައި 30 އަހަރަށް ހިދުމަތްކުރުމަށްފަހު މިހާރު ފުލުހެއްގެ ގޮތުގައި މަސައްކަތްކުރާ މުހައްމަދު ސަނާއުﷲ ހައްޔަރު ކުރީ، އޭނާއަކީ ގައުމުގެ ރައްޔިތެއް ނޫން ކަމަށް އައްސާމްގެ ފޮރިނާސް ޓްރައިބިއުނަލްއަކުން ނިންމުމުންނެވެ.

އައްސާމްއަށް ގަވާއިދާ ހިލާފަށް އެތެރެވެފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ކަމަށް ބުނެ އެސްޓޭޓުގައި ވަނީ 100 ފޮރިން ޓްރައިބިއުނަލް ކޯޓު ގާއިމުކޮށްފައެވެ.

އައްސާމްގެ ކަމްރުޕް ޑިސްޓުރިކްޓުގައި ދިރިއުޅޭ ސަނާއުﷲ ބުނި ގޮތުގައި އޭނާ އަސްކަރިއްޔާއާ ގުޅުނީ 1987 ވަނަ އަހަރެވެ. އަދި އޭނާ ވަނީ ކަޝްމީރުގައި އިންޑިއާއިން ވެރިކަން ކުރާ ފަޅީގައި ހިދުމަތްކޮށްފައެވެ.

އަދި 2017 ވަނަ އަހަރު ސަނާއުﷲ، އަސްކަރިއްޔާއިން މުސްކުޅިކުރީ އޮނަރަރީ ކެޕްޓަންއެއްގެ ގޮތުގައެވެ. އޭގެ ފަހުން އޭނާ މަސައްކަތް ކުރަމުން ދަނީ އައްސާމްގެ ބޯޑަރު ފުލުހުންނާ އެކު ސަބް އިންސްޕެކްޓަރެއްގެ މަގާމުގައެވެ.

"30 އަހަރު ދުވަހު އިންޑިއާގެ އަސްކަރިއްޔާގައި ހިދުމަތްކުރުމުން ލިބޭ އިނާޔަތަކީ މިއީ. އަހަރެންނަކީ އިންޑިއާގެ ރައްޔިތެއް، އަދި އަބަދުވެސް ވާނީ އިންޑިއާގެ ރައްޔިތަކަށް،" ރޮއިޓާސްއާ ވާހަކަ ދައްކަމުން ސަނާއުﷲ ބުންޏެވެ.

އުލާގެ ވަކީލު ވިދާޅުވި ގޮތުގައި ފޮރިނާސް ޓްރައިބިއުނަލްއިން އޭނާ ހައްޔަރު ކުރަން އަމުރު ނެރުނީ އޭނާގެ ވަނަވަރު އޮޅުވާލުމަށް ފަހުގައެވެ. އެގޮތުން ކޯޓުގެ ލިޔުންތަކުގައިވާ ގޮތުން ސަނާއުﷲއަކީ މަސައްކަތު މީހެކެވެ. އަދި އޭނާ 1971 ވަނަ އަހަރު އިންޑިއާއަށް ދިޔައީ އެކަމަށް ބޭނުންވާ ލިޔެކިޔުންތަކާ ނުލަ އެވެ. ނަމަވެސް ސަނާއުﷲގެ އާއިލާއިން ބުނާ ގޮތުގައި އެއާއިލާގެ މީހުން 1935 ވަނަ އަހަރުން ފެށިގެން އައްސާމްގައި ދިރިއުޅޭކަން ރެކޯޑުތަކުން ދައްކައެވެ. އަދި އެމައްސަލަ ހައި ކޯޓަށް ހުށަހަޅާނެ ކަމަށްވެސް ބުންޏެވެ.

މީގެ އިތުރުން އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ ސަނާއުﷲގެ ޝަރީއަތް އިންސާފުވެރިކަމާއެކު ކުރިއަށްގެންދިޔުމަށް އަންގާފައެވެ.

އިންޑިއާއަށް ގަވާއިދާ ހިލާފަށް އެތެރެވެފައިވާ މީހުން ފާހަގަ ކުރުމަށް ކަމަށް ބުނެ އެގައުމުން މިދިޔަ އަހަރު ނެރުނު ޑްރާފްޓް ރަށްވެހިންގެ ދަފްތަރުގައި އައްސާމްގެ ހަތަރު މިލިއަނެއްހާ މީހުންގެ ނަން ހިމަނާފައި ނުވެ އެވެ. އަދި އޭގެ ސަބަބުން އެމީހުންގެ ރަށްވެހިކަން ވަނީ ގެއްލިފަ އެވެ. އެންއާރުސީގެ ފަހު ލިސްޓު ނެރޭނީ އަންނަ ޖުލައި މަހުގަ އެވެ.

އެލިސްޓުގައި އިންޑިއާގެ ރައްޔިތުންގެ ގޮތުގައި ހިމަނާފައި ވަނީ 24 މާޗް 1971ގެ ކުރިން އައްސާމްގައި ދިރިއުޅުނުކަން ސާބިތު ކުރެވޭ މީހުންގެ ނަންތަކެވެ. އެތާރީހަކީ ބަންގުލަދޭޝްގެ މިނިވަންކަމުގެ ހަނގުރާމަ ފެށުމުން ގިނަ އަދަދެއްގެ ރެފިއުޖީން އިންޑިއާއަށް ދާން ފެށި ތާރީހެވެ.