އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ އުފައްދަވާ ދެވަނަ ސަރުކާރުގެ މިނިސްޓަރުން ރޭ ހުވާކުރެއްވި އިރު، އެ މިނިސްޓަރުން ބަލަހައްޓަވާ ދާއިރާތައް މިއަދު ކަނޑައަޅުއްވައިފިއެވެ.

ބޮޑުވަޒީރުކަމުގެ ހުވާ، އިއްޔެ މޯދީ ކުރެއްވި އިރު، އެމަނިކުފަނާއެކު އިންޑިއާގެ ސަރުކާރުން މިނިސްޓީރިއަލް ޕޯޓްފޯލިއޯތައް ލިބިވަޑައިގަންނަވާ 24 ބޭފުޅުންނާއި، ސްޓޭޓު މިނިސްޓަރުންގެ ގޮތުގައި ކަނޑައަޅުއްވާ 28 ބޭފުޅަކު އިއްޔެ ހުވާކުރެއްވިއެވެ.

ނަމަވެސް އެ ބޭފުޅުންނަށް ލިބިވަޑައިގަންނަވާ މިނިސްޓީރިއަލް ޕޯޓްފޯލިއޯތައް ނުވަތަ ދާއިރާތައް އިއުލާނުކުރެވިގެން ދިޔައީ މިއަދުއެވެ.

މުހިންމު ވުޒާރާތައް ލިބިވަޑައިގެންނެވި ބޭފުޅުންނަށް ބަލާއިރު، ލޮކް ސަބާއަށް މި އަހަރު އަލަށް އިންތިހާބުވި، ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ރައީސް އަމިތު ޝާހު އައްޔަނުކޮށްފައިވަނީ ހޯމް މިނިސްޓަރުކަމަށެވެ. ބޮޑުވަޒީރު ނަރެންދްރާ މޯދީގެ ގާތް ބޭފުޅެއްގެ ގޮތުގައި ފެންނަ އަމިތު ކެބިނެޓު ވަޒީރުކަން ކުރައްވާ މިއީ ފުރަތަމަ ފަހަރެވެ.

އިންޑިއާގެ އެކްސްޓަނަލް އެފެއާޒް މިނިސްޓަރުކަމަށް އައްޔަނުކުރެވިގެން ދިޔައީ، މޯދީގެ ފުރަތަމަ ސަރުކާރުގައި އިންޑިއާގެ ފޮރިން ސެކްރެޓަރީގެ މަގާމު އަދާކުރެއްވި ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރެވެ. ޖަޔަޝަންކަރަކީ މީގެ ކުރިން ވަނީ އދ. އަށް އިންޑިއާއިން ކަނޑައަޅަފައި ހުންނަވާ ސަފީރުކަންވެސް ކުރައްވާފައެވެ. މިދިޔަ ސަރުކާރުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރުކަން ކުރެއްވި ސުޝްމާ ސުވަރާޖް، ސިއްހީ ހާލަތު ތަން ނުދޭތީ އިތުރު ދައުރަކަށް ލޮކް ސަބާއަށް ކުރިމަތިނުލައްވައެވެ.

މީގެ އިތުރުން ޑިފެންސް މިނިސްޓަރުގެ މަގާމަށް އައްޔަނުކުރެއްވީ މޯދީގެ ކުރީގެ ސަރުކާރުގައި ހޯމް މިނިސްޓަރުކަން ކުރެއްވި ރާޖުނާތު ސިންހެވެ. އަދި ކުރީގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި ނިރުމަލާ ސިތާރާމަންއަށް މިފަހަރު ލިބިވަޑައިގެންނެވި ފިނޭންސް އަދި ކޯޕަރޭޓް އެފެއާޒް މިނިސްޓަރުކަމެވެ.

ބޮޑުވަޒީރު މޯދީގެ ކުރީގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އަރުން ޖެއިޓްލީވެސް ސިއްހީ ހާލަތު ތަން ނުދޭތީ، ސަރުކާރުގެ މަގާމަކަށް ވަޑައިނުގަތުމަށް ނިންމެވީއެވެ.

މީގެ އިތުރުން މިފަހަރުގެ ލޮކް ސަބާ އިންތިހާބުގައި އިދިކޮޅު ލީޑަރު ރާހުލް ގާންދީ ބަލިކުރެއްވި ކުރީގެ ފިލްމީތަރި އަދި މޯދީ ސަރުކާރުގެ މިނިސްޓަރުކަން ކުރިން ކުރެއްވި ސްމްރިތީ އިރާނީއަށް އަނެއްކާވެސް ލިބިވަޑައިގެންނެވީ ވިމެން އެންޑް ޗިލްރެން ޑިވެލޮޕްމެންޓް މިނިސްޓްރީގެ އިތުރުން ޓެކްސްޓައިލްސް އިންޑަސްޓްރީ މިނިސްޓަރުކަމެވެ.