31 May 2019, 13:12
ރޭ ދަންވަރު އައްޑޫ ހިތަދޫ އެޕޯލޯ ފިހާރައިގެ ތަޅު ހަލާކުކޮށްލައިގެން ވަދެ އެ ފިހާރައިގެ އޮފީސް ތެރޭގައި ހުރި ތިޖޫރީ ވަގަށް ނަގައިފިއެވެ.
ފުލުހުން ބުނީ ހިތަދޫ ފިހާރައެއްގެ ތިޖޫރީ ވަގަށް ނެގި މައްސަލަ މިއަދު 6:22 ގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
ވަގަށް ނެގި ތިޖޫރީގެ ތެރޭގައި 1،200 ޑޮލަރު އަދި 27،000 ރުފިޔާ ހުރިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ ފުލުހުން ކުރި މަސައްކަތުން ތިޖޫރީ ފެނިފައިވާއިރު އޭގައި އެއްވެސް ފައިސާއެއް ނެތް ކަމަށެވެ.
ފެނުނު ތިޖޫރީގެ ފޮޓޯއެއް ފުލުހުން ވަނީ ހިއްސާކޮށްފައެވެ. ތިޖޫރީ އޮތީ އޭގެ ދޮރު ހަލާކު ކޮށްލައިގެން އޭގައި ހުރި ފައިސާ ނެގުމަށް ފަހު އެއްލާލާފައެވެ.
ފުލުހުން ބުނީ އެމައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. އަދި މިހާރު އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.