24 Oct 2011, 08:04
އޮޑިޓް އޮފީހުން ވަޒީފާއިން ވަކިކުރި 21 މުވައްޒަފުން ޓްރަބިއުނަލަށް ހުށަހަޅާފައިވާ މައްސަލައާމެދު އެ ޓްރަބިއުނަލުން ގޮތެއް ނިންމުމުގެ ކުރިން އިތުރު އެއްވެސް މީހަކު ވަޒީފާއަށް ނުނެގުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުގެ މައްޗަށް ވަޒީފާއި ބެހޭ ޓްރަބިއުނަލުން އަމުރުކޮށްފިއެވެ.
އެ ޓްރަބިއުނަލުން އިއްޔެ ނެރުނު އަމުރުގައިވަނީ ވަޒީފާއިން ވަކިކުރި މުވައްޒަފުން އެ މައްސަލަ ޓްރަބިއުނަލަށް ހުށަހަޅާފައިވާތީ އެ މައްސަލައާއިމެދު ވަކިގޮތެއް ނިމުމުގެ ކުރިން އެ 21 މީހުން ކުރަމުން އައި މަސައްކަތް ކުރުވަން ދާއިމީ މަގާމަކަށް އޮޑިޓް އޮފީހަށް އިތުރުން އެއްވެސް މުވައްޒަފަކު އައްޔަން ނުކުރުމަށެވެ.
ޓްރަބިއުނަލުން ނެރުނު އަމުރުގައި ވަނީ 21 މުވައްޒަފުން ވަޒީފާއިން ވަކިކުރިފަހުން އެ މަގާމުތަކަށް މުވައްޒަފުން ހޯދަން އޮޑިޓް އޮފީހުން އިއުލާން ކޮށްފައިވާ ކަމަށެވެ.
"... މި މައްސލާގައި މިޓްރައިބިއުނަލް އިން ގޮތެއް ކަނޑައެޅުމުގެ ކުރިން، އޮޑިޓާ ޖެނެރަލް ގެ އޮފީހުގައި މައްސަލަ ހުށައެޅި ފަރާތްތައް އަދާކުރަމުން ދިޔަ މަގާމުތަކަށް ނުވަތަ އެފަރާތަތައް ކުރަމުން ދިޔަ މަސައްކަތް ކުރުވުމަށް ދާއިމީ މަގާމަކަށް އޮޑިޓާ ޖެނެރަލް ގެ އޮފީހުން އެއްވެސް މުވައްޒަފަކު އައްޔަން ނުކުރުމަށް އޮޑިޓާ ޖެނެރަލްގެ އޮފީސް [ދައުލަތް] އަށް އަންގައި އަމުރު ކޮށްފީމެވެ،" ޓްރައިބިއުނަލްގެ އަމުރު ގައި ވެއެވެ.
އޮޑިޓް އޮފީހުގެ 21 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރުން ފެށިގެން ވަޒީފާގެ އޮނިގަނޑަށް ގެންނައި ބަދަލަކާއި ގުޅިގެންކަމަށް އޮޑިޓް އޮފީހުން ވަނީ ބުނެފަ އެވެ.