ކަނޑުމަހަކީ ނުވަތަ ކަޅުބިލަ މަހަކީ ހަމަގައިމުވެސް އެއާ ނުލާ ދިވެހިންގެ ކެއުން ފުރިހަމަވާނެ އެއްޗެެއް ނޫނެވެ. ކުޅިމަހާއި، ފިހުނު މަހާއި، ގަރުދިޔައާއި ތަފާތު އެކި ވައްތަރުތަކުގެ ރިހަތަކުގައިވެސް ކަޅުބިލަމަސް ބޭނުން ކުރެވޭއިރު، ޒަމާނަށް އަންނަމުންދާ ބަދަލުތަކާއި އެކު، މުޅީން އެހެން ހަރުފަތަކަށް އަހަރެމެން ކަނޑުމަސް މިއަދު ގެންގޮއްސި ކަހަލައެވެ.

ޓައިޑްސް ކެފޭ އެންޑް ބިސްޓްރޯގެ ފަރާތުން ގެނެސްދޭ މި ރެސިޕީތަކުން އެކަން ޔަގީންވާނެ އެވެ. މިއަދުގެ ރެސިޕީއަކީ "ފިޝް ސްޓިއު"އެވެ.

ބޭނުންވާ ތަކެތި

  • 150 ގްރާމް ތާޒާ ކަނޑުމަސް (1 އިންޗިއަށް ކިއުބްކޮށް ކޮށާފައި)
  • 10 އެމްއެލް ތެޔޮ
  • 15 ގްރާމް ލޮނުމެދު
  • 5 ގްރާމް މަސްޓާޑް ކްރީމް
  • ލޮނު
  • އަސޭމިރުސް
  • 1 ފިޔާ
  • 1 ކެޕްސިކަމް
  • މިރުސް
  • 1/2 ސައިސަމްސާ ވައިޓް ވިނެގާ
  • 1/4 ސައިސަމްސާ ރީދޫ
  • 1 ޓޮމާޓޯ
  • 50 އެމްއެލް ފެން

ތައްޔާރުކުރާނެ ގޮތް

އެންމެ ފުރަތަމަ މަސްކޮޅު މެރިނޭޓް ކޮށްލާށެވެ. މެރިނޭޓް ކުރުމަށް ލޮނާއި އަސޭމިރުސް، މަސްޓާޑް ކްރީމް އަދި ރީދޫ އެޅުމަށްފަހު މަހުގައި ރަނގަޅަށް ހާކާލުމަށްފަހު ބަހައްޓާށެވެ.

އެއަށްފަހު ތެލި ހޫނުކޮށްލައި، ތެޔޮއަޅާށެވެ. ލޮނުމެދާާއި ފިޔާގެ އެއްބައި އަޅާލާށެވެ. އެއަށްފަހު މަސްކޮޅުއަޅާ، ކެޕްސިކަމްގެ އެއްބައި، މިރުސް އަދި ޓޯމާޓޯ އެޅުމަށްފަހު 5 ވަރަކަށް މިނިޓް ކައްކާލާށެވެ. ދެން ގިނި މަޑުކޮށްލުމަށްފަހު، ފެން އަޅާ އިތުރު 5-8 ވަރަކަށް މިނިޓް ކައްކާލާށެވެ. ބާކީ ހުރި ވިނެގާ، ފިޔާ ކެޕްސިކަމް، މިރުސް އަދި ޓޮމާޓޯ ދެން އަޅާލާށެވެ. އިރުކޮޅަކު ކައްކާލުމުން އެ ނިމުނީއެވެ.

މިޑިޝް ސާރވްކުރުމަށް ބަތް. ރޮށި އަދި ފަރާޓާވެސް ކަމުދާނެއެވެ.