ޖަލުތަކުގެ ހާލަތު ރަނގަޅުކުރަން ސަރުކާރުން ކުރާ މަސައްކަތަށް އެއްބާރުލުން ދޭން ހޯމް މިނިސްޓްރީއިން އެދިއްޖެ އެވެ.

ޖަލުތަކުގެ ހާލަތު ބަލަން ސަރުކާރުން އެކުލަވާލި ޖަލު ކޮމިޝަނުން މި ހަފްތާގައި ވަނީ ޖަލުގެ ހާލަތާ ބެހޭ އޮޑިޓް ރިޕޯޓެއް ނެރިފަ އެވެ. އެ ރިޕޯޓާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބުނެފައިވަނީ ޖަލުގެ ކަންކަން ބަލާ ކޮމިޓީއިން އެކުލަވާލި ޖަލުގެ އޮޑިޓް ރިޕޯޓަކީ، ދޮގު މައުލޫމާތު ހިމަނައިގެން ނެރެފައިވާ ޒިންމާދާރުކަން ކުޑަ ރިޕޯޓެއް ކަމަށެވެ.

ހޯމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖަލު އޮޑިޓް ކުރި ކޮމިޝަނުން އެކުލަވާލި އޮޑިޓް ރިޕޯޓުގައި ހުރި ކަންކަމަށް އިންކާރުކޮށް އޭގައ ހުރި ކަންކަމާމެދު ސުވާލު އުފެއްދުމުގައި ބަދަލުގައި ސަރުކާރުން ޖަލުގެ ހާލަތު ރަނގަޅު ކުރަން ކުރާ މަސައްކަތަށް އެއްބާރުލުން ދޭން އެދޭ ކަމަށެވެ.

"ދިވެހިރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓު 2019 ގައި ފާހަގަކޮށްފައިވާ މައްސަލަތަކަކީ އިސްލާހު ކުރަން ޖެހޭ ކަންކަމުގައި ބަލައިގަނެ އެކަންކަން އިސްލާހު ކުރުމުގެ މަސައްކަތް މި މިނިސްޓްރީއިން ކުރަމުން ގެންދާ ކަމާއި. އަދި ގުޅުން ހުރި އެހެން ފަރާތްތަކުންވެސް އެ މަގަށް އަމާޒު ހިފުމަށް މި މިނިސްޓްރީއިން އެދެން." ހޯމް މިނިސްޓްރީއިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ޖަލު ކޮމިޝަނުން އެކުލަވާލި ޖަލު އޮޑިޓް ހޯމް މިނިސްޓަރަށް އަރުވަނީ --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ހޯމް މިނިސްޓްރީން ބުނީ ޖަލު ކޮމިޝަނުން އެކުލަވާލި ރިޕޯޓަކީ އެކި ގޮތް ގޮތުން އެއް ކުރެވިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެއްކުރެވިފައިވާ ތަފްސީލު ރިޕޯޓެއް ކަމަށެވެ.

އެޗްއާރުސީއެމްއިން ނެރުނު ބަޔާނެއްގައި ބުނީ، އެ އޮޑިޓް ރިޕޯޓަކީ އެޗްއާރުސީއެމުން ބަލަމުން އަންނަ އަނިޔާކުރުމުގެ މައްސަލަތަކާއި، ގައިދީންގެ ހައްގުތައް ކަށަވަރު ކުރުމަށް ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން، އެ ރިޕޯޓް އެކުލަވާލި ކޮމިޓީއަށް ކޮމިޝަނުން ދީފައިވާ މައުލޫމާތުތަކަށް ރިއާޔަތް ކުރުމުގެ ނެތި ނެރެފައިވާ ރިޕޯޓެއް ކަމަށެވެ.

އަދި އެ ރިޕޯޓުގައި ކަމާބެހޭ އިދާރާތަކުން ރަނގަޅުކުރުމަށް ހުށަހަޅާފައިވާ ގިނަ ހުށައެޅުންތަކަކީ އެޗްއާރުސީއެމް އިން އެކި ފަހަރު މަތިން އެ އިދާރާތަކަށް ހުށަހަޅައި، އެކަންކަން ތަންފީޛުކުރުމަށް މަސައްކަތް ކުރަމުންދާ ކަންތައްތަކެއް ކަމަށްވެސް އެޗްއާރުސީއެމުން ބުންޏެވެ.

ޖަލު އޮޑިޓްގައި ފާހަގަކޮށްފައި ހުރި މައްސަލަތަކުގެ ތެރޭގައި ގައިދީންއަށް އެކަށީގެންވާ ސިއްހީ ފަރުވާ ނުދިނުމާއި ޖަލުގެ ބައެއް ގޮޅިތައް އިންސާނުން ބައިތިއްބަން ހެޔޮ ނުވާ ތަންތަން ގޮތުގާ ހުރުން ފަދަ ކަންތައްތައް ހިމެނެ އެވެ.

ޖަލު އޮޑިޓް ރިޕޯޓުގެ މައްސަލާގައި ބަހުސް ކުރުމަށް ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަނީ ތާވަލުކޮށްފަ އެވެ.