ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި މިރޭ 14 ރަށަކަށް ބޯކޮށް ވާރޭވެހި، ފެން ބޮޑުވުމުގެ ސަބަބުން ގޭގެއަށް ފެންވަދެ ގެއްލުންތަކެއް ވެއްޖެ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓުން އޮތޯރިޓީން ބުނެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވަނީ އަށް އަތޮޅަކަށް ޔެލޯ އެލާޓް ނެރެފައެވެ.

ޑިޒާސްޓާ މެނޭޖްމަންޓުގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން މިރޭ "ސަން" އަށް ވިދާޅުވީ، 14 ރަށެއްގައި ފެންބޮޑުވެ އެކި ވަރުގެ ގެއްލުންތަކެއް ވެފައިވާ ކަމުގެ ރިޕޯޓު އެ ސެންޓަރަށް ލިބިފައިވާ ކަމަށެވެ. ފެންބޮޑުވެފައިވަނީ ދިޔަމިގިލި، މަޑިފުށި، ތިމަރަފުށި، ވޭމަންޑޫ އާއި ލ. ކުނަހަންދޫ، ގަން، ފޮނަދޫ، މާމެންދޫ، މާވަށް، ހިތަދޫ އާއި ގއ. ވިލިނގިލި، މާމެންދޫ، ދާންދޫ އަދި ގދ. ތިނަދޫ ކަމަށް ހިސާން ވިދާޅުވިއެވެ.

"މި ހުރިހާ ރަށެއްގައި ވެސް ފެންބޮޑުވުމުގެ ސަބަބުން ގޭގެގައި ފެން ވަދެ، ހިފައި ގެންގުލޅޭ ތަކެއްޗަށް ގެއްލުން ލިބިފައިވާ ކަމުގެ ރިޕޯޓު ވަނީ ލިބިފައި،" ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ، އެ ރަށްތަކުގައި ކައުންސިލް، ފުލުހުން، އެމްއެންޑީއެފް އަދި ރޭޑް ކޮރޮސް އިން ގުޅިގެން ފެންހިންދުމާއި ވެލި ބަސްތާ ޖެހުން ފަދަ ކަންތައް ކުރަމުން ގެންދާ ކަމަށެވެ.

ހިސާން ވިދާޅުވި ގޮތުގައި 14 ރަށުގެ ތެރެއިން ގއ. ވިލިނގިލީ ތިން ގެއަކަށް ވަރަށް ބޮޑަށް ފެންވަދެ، ގޭގައި ނޫޅެވޭ ވަރު ވެފައިވާ ކަމަށެވެ. ވިލިނގިލީ 50 އަށް ވުރެ، ގިނަ ގެތަކަށް ފެން ވަދެފައިވާ ކަމަށް އެރަށު ކައުންސިލުން މިރޭ "ސަން" އަށް ވަނީ ވިދާޅުވެފައެވެ.

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭތީ މެޓް އޮފީހުން ވަނީ ވ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ޔެލޯ އެލާޓް ނެރެފައެވެ. މި އަތޮޅުތަކަށް ޔެލޯ އެލާޓު ނެރެފައިވަނީ މިރޭ ދަންވަރު، 12:15 އިން ފަތިހު 4:15 އަށެވެ.

14 ރަށެއްގައި ފެންބޮޑުވެފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓުން ބުނެފައިވާއިރު، ލ. މާމެންދޫގައި ފެންބޮޑުވުމެގެ ސަބަބުން އެރަށުން ވަނީ ކަރަންޓު ކެނޑިފައެވެ.

މެޓް އޮފީހުން ކުރިއަށް އޮތް 24 ގަޑިިރު މޫސުން ލަފާ ކުރާ ގޮތް:

  • ދެކުނާއި މެދުތެރޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުންް އެކަށީގެންވޭ. އުތުރުގެ އެކިހިސާބަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެވޭ.

  • ހުޅަނގުދެކުނާއި ހުޅަނގުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 14 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި އަދި އެހެން އަތޮޅުތަކުގައި ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވޭ.
  • ކަނޑުތަށް ދެކުނުގައި އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ. އެހެން ހިސާބުތަކުގެ ކަނޑުތަށް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ.

ބޯކޮށް ވާރޭވެހި ، ވިލާގަނޑުގައި ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭތީވެ އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.