30 May 2019, 22:15
ތޮއިބާ މިސްކިތުގައި ރޭ ނަމާދަށް ހުރި އަންހެނެއްގެ އަތް ދަބަސް ވަގަށް ނަގައިފިއެވެ.
"ޝަފް" ކިޔާ އަންހެނަކު ޓުވިޓާގައި ކުރި ޕޯސްޓެއްގައި ބުނީ އޭނާ މިސްކިތުގައި ނަމާދަށް ހުއްޓައި މީހަކު އައިސް އޭނާގެ ދަބަސް ޖަހައިގަނެގެން ފިލީ ކަމަށެވެ.
އެ ދަބަހުގައި އޭނާގެ ފޯނާއި ތަޅުދަނޑިވެސް އޮންނާނެ ކަމަށް ޝަފް ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާ ރިޕޯޓްކޮށްފައިވަނީ ރޭ 08:39 ހާއިރު ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަަލަ މިހާރު ތަހުގީގު ކުރަމުންގެންދާ ކަަމަށާއި އަދި މިހާތަނަށް އެ މައްސަަލައިގައި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
މި ރޯދަ މަހު ބޮޑެތި ވައްކަމުގެ ހާދިސާތައް ދަނީ ހިނގަމުންނެވެ. އެގޮތުން ހުޅުމާލެއިން މާލެއަށް ސައިކަލުގައި އައި މީހެއް އެއްޗަކުން ޖަހައި ބިންމައްޗަށް ވައްޓާލުމަށްފަހު ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ރޭ ވަނީ ފޭރިގެންފައެވެ.
އޭގެ އިތުރުން ހއ. ހޯރަފުށީ ގެއަކުން މިމަސްތެރޭ ލައްކައަކަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގެ ހާދިސާއާ ފ. ދަނރަބޫ މީހަކު ހައްޖަށް ދިއުމަށް އެއްކޮށްފައިވާ 300،000 ރުފިޔާ ވަގަށް ނެގި މައްސަލަ ވަނީ ފެންމަތިވެފައެވެ.