30 May 2019, 21:42
އިމިގްރޭޝަންގެ އެސިސްޓެންޓް ކޮންޓްރޯލާގެ މަގާމުގައި ހުންނެވި ހާމިދު ފަތުހުﷲ އެ މަގާމުން ވަކިކޮށްފި އެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހާމިދާ ގުޅޭގޮތުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ހާމިދު ހުންނެވީ ސަސްޕެންޝަންގައެވެ.
އިމިގްރޭޝަންގެ އިންފޮމޭޝަން އޮފިސަރު ހަސަން ޚަލީލު މިރޭ "ސަން" އަށް ވިދާޅުވީ، ހަމީދު މަގާމުން ވަކިކޮށްފައިވާ ކަމަށް ސީއެސްސީ އިން މި ހަފްތާތެރޭ އިމިގްރޭޝަނަށް އަންގާފައިވާ ކަމަށެވެ.
ޚަލީލު ވިދާޅުވީ، ހަމީދު ސަސްޕެންޑް ކުރި ތާރީހުން ފެށިގެން، އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާ ކުރަމުން އަންނަނީ، އިމްގްރޭޝަންގެ ޒިންމާދާރުވެރިޔާ ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރު މޫސާ ރަމީޒު ކަމަށެވެ.
ހަމީދާ ގުޅިގެން ސީއެސްސީ އިން ބަލަމުން ދަނީ ކޮން މައްސަލައެއް ކަން އަދި ސާފު ވެފައި ނުވާ އިރު، ނިމިދިޔަ ސަރުކާރުގައި އުސޫލުން ބޭރުން ގިނަ ކަންކަން އިމިގްރޭޝަން ތެރެއިން ކޮށްފައިވާތީ އެ މުއަސަސާގެ ހިންގުމަށް ދިމާވާ ދަތިތަކަށް ހައްލު ގެނައުމުގެ ގޮތުން އިމިގްރޭޝަންގެ ތެރެއަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.