ކުރީ ސަރުކާރުގައި ފެނަކައިން ވަކިކުރި 48 މުވައްޒަފަކަށް ވަޒީފާ ދީފި އެވެ.

މިއަދު މެންދުރު ފެނަކައިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވީ މިދިޔަ ސަރުކާރުގައި ފެނަކައިން 94 މީހުން ވަކިކުރި ކަމަށެވެ.

" އަޅުގަނޑުމެންގެ އޮޕަރޭޝަންސް ފަށައިގެން އައިއިރު އެންމެ ބޮޑު އެއް މައްސަލައަކަށް ދިމާވީ ހަމަ ރަނގަޅަށް މަސައްކަަތް ކުރަމުންދިޔަ ސްޓާފުން އެއްވެސް ކަހަލަ އިންސާފުވެރިކަމަކާ ނުލާ ވަކިކޮށް މިތަނުން ފޮނުވާލަފައި ހުރި. އޭގެ ތެރެއިން ބައެއް ބޭފުޅުންނަވެސް ޓްރައިބިއުނަލުންވެސް ވަޒީފާ ހަމަ އަނބުރާ ލިބުނު" ސައީދު ވިދާޅުވިއެވެ.

މިދިޔަ ރިޔާސީ އިންތިހާބުގައި ކުރީ ސަރުކާރުން ސިޔާސީ އެކި ސަބަބުތަކާ ހުރެ ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުން ވަޒީފާއިން ވަކިކުރި ފަރާތްތަކަށް އަނބުރާ ވަޒީފާ ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވައުދުވެވަޑައިގެންފައެވެ.

" އަޅުގަނޑުމެންނަށް ލިބުނު 94 މީހުންގެ ލިސްޓެއް. 94 މީހުންގެ ތެރެއިން ހުރިހާ އެންމެނަށް އަޅުގަނޑުމެން ގުޅިން. ގުޅިއިރު މީގެ ތެރެއިން ބައެއް ބޭބޭފުޅުންނަކީ އެކި ދުވަސްވަރު ވަޒީފާއިން ކެނޑުމުގެ ސަބަބުން އެހެން ތަންތަނުގައިވެސް ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށްވާތީ އަނބުރާ އަޅުގަނޑުމެންގެ ވަޒީފާއަށް އަންނަން ބޭނުންވީ 48 މީހުން" ސައީދު ވިދާޅުވިއެވެ.

ސައީދު އިތުރަށް ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް ފެނަކައަށް 137 މީހުން ވަޒީފާއަށް ވެއްދި ކަމަށާއި އަދި އެމީހުން އެއްމަސް ތެރޭ ދާއިމީވެސް ކޮށްފައިވާ ކަމަށެވެ. އަދި އެ މުވައްޒަފުންގެ ފަރާތުން އެކަށީގެންވާ އެއްބާރުލުން ނުލިބޭ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

އާ ސަރުކާރު ހަވާލުވި ފަހުން ވަނީ ގިނަ އަދަދެއްގެ މުވައްޒަފުން ފެނަކައިން ވަކިވެސްކޮށްފައެވެ. އަދި ދާދި ފަހުން މަޖިލިސް ކެމްޕޭންއާ ދިމާކޮށް އެމްޑީޕީގެ އެކްޓިވިސްޓަކު ފެނަކައިގެ މުވައްޒަފަކު އޭނާގެ ވަޒީފާއިން ވަކިކުރާނެކަމަށް ބުނާ އޯޑިއޯއެއްްވެސް މީސްމީޑިއާގައި ލީކުވެފައިވެއެވެ.