މޯލްޑިވްސް މީޑިއާ ކައުންސިލްގެ މަސައްކަތް ރަނގަޅަށް ނުހިނގައި އަދި ލީޑަޝިޕްގެ ސަބަބުން މުޅި ކައުންސިލް ބަދުނާމުވާ ކަމަށް ބުނެ، ކައުންސިލްގެ ރައީސާއި ނާއިބު ރައީސްގެ އިސްތިއުފާ ދެއްވުމަށް އެދި ކައުންސިލްގެ 10 މެންބަރަކު ޕެޓިޝަނެއް ހުށަހެޅުމާ ގުޅިގެން މިއަދު ބޭއްވި ބައްދަލުވުމުގައި ކައުންސިލްގެ ރައީސް މުހައްމަދު ނަޒީފު ރައީސްގެ މަގާމުގައި އަދި ވެސް ހުންނަވަން ފެންނަ ކަމަށް ފާސްކޮށްފި އެވެ.

ކައުންސިލްގެ މެންބަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް މި ރޭ ވިދާޅުވީ އެ މައްސަލާގައި ނެގި ސިއްރު ވޯޓުގައި ބައިވެރިވެވަޑައިގަތް 12 މެންބަރުންގެ ތެރެއިން ހަތް މެންބަރަކު ވޯޓް ދެއްވާފައި ވަނީ ކައުންސިލްގެ ރައީސް މުހައްމަދު ނަޒީފު މަގާމުގައި ދެމިހުންނަވަން ފެންނަ ކަމަށެވެ. ފަސް މެންބަރަކު ވޯޓް ދެއްވީ އޭނާ އިސްތިއުފާ ދެއްވަން ފެންނަ ކަމަށެވެ.

ފަނަރަ މެންބަރުންގެ ކައުންސިލުން އެގޮތަށް ނިންމުމުން ނަޒީފު މަގާމުގައި ހުންނަވާނެތޯ ސާފުކުރަން މިރޭ ސަން އިން ގުޅި އިރު ނަޒީފު ފޯނަށް ޖަވާބު ނުދެއްވާތީ އޭނާ ނިންމެވި ގޮތް ވަނީ ސާފުކުރެވޭ ގޮތް ނުވެފަ އެވެ.

ދިހަ މެންބަރުންގެ ޕެޓިޝަންގައި ކައުންސިލްގެ ރިޔާސަތުން އިސްތިއުފާ ދެއްވުމަށް އިއްޔެ ހުށަހަޅާފައި އޮތް ނަމަވެސް މިއަދުގެ ބައްދަލުވުމުގައި ނާއިބު ރައީސްގެ މައްޗަށް ވޯޓެއް ނުނަގާ ކަމަށް ކައުންސިލްގެ މެންބަރަކު ވިދާޅުވި އެވެ.
ކައުންސިލްގެ މެންބަރަކު ރޭ ވިދާޅުވެފައި ވަނީ ރައީސާއި ނައިބު ރައީސް ވެސް ރޭ އިސްތިއުފާ ދެއްވި ކަމަށެވެ. ނަމަވެސް ނައިބު ރައީސް އަހުމަދު އަބްދުﷲ އެކަން ދޮގު ކުރައްވަ އެވެ.