އިންޑިއާގައި ބޭއްވި އާންމު އިންތިހާބުގައި ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)އަށް ލިބުނު ބޮޑު ކާމިޔާބާއެކު، ނަރެންދްރާ މޯދީ އެގައުމުގެ ބޮޑުވަޒީރުކަމާ ދެވަނަ ދައުރަކަށް ހަވާލުވެވަޑައިގެންފިއެވެ.

މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީއިން ލީޑުކުރި އިއްތިހާދުން، އެގައުމުގެ ގާނޫނު ހަދާ މަޖިލިސް ލޮކް ސަބާގެ 545 ގޮނޑީގެ ތެރެއިން 354 ގޮނޑި ވަނީ ކާމިޔާބުކޮށްފައެވެ.

މިއަދު ހަވީރު ނިއު ދިއްލީގައި ހުންނަ އިންޑިއާގެ ރިޔާސީ ގަނޑުވަރު ރަޝްޓްރަޕަތީ ބަވަންގައި އޮތް، މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް 8،000 އަށް ވުރެ ގިނަ މީހުން ހާޒިރުވި ކަމަށް ވެއެވެ. އޭގެ ތެރޭގައި ދައުވަތު އެރުވިގެން އެ ރަސްމިއްޔާތުގައި ބައިވެރިވި ދެކުނު އޭޝިއާގެ ބައެއް ގައުމުތަކުގެ ލީޑަރުންނާއި، ބޮލީވުޑް ތަރީންނާއި އިންޑިއާގެ ސިޔާސީ ފަރާތްތައް ހިމެނެއެވެ.

ހާޒިރުވި ސިޔާސީ ލީޑަރުންގެ ތެރޭގައި އިންތިހާބުގައި މޯދީގެ ކޯލިޝަނާ ދެކޮޅަށް ނުކުންނެވި އެންމެ ވާދަވެރި އިންޑިއަން ނޭޝަނަލް ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީއާއި އޭނާގެ މަންމާފުޅު ސޯނިއާ ގާންދީ ހިމެނިވަޑައިގަންނަވައެވެ.

މޯދީއަކީ ލޮކް ސަބާގައި އުއްތަރު ޕްރަދޭޝްގެ ވަރަނާސީ ދާއިރާގެ މެމްބަރެވެ. އެމަނިކުފާނު އެ ގޮނޑި މި އންތިހާބުގައި ދިފާއުކުރެއްވީ ގާތްގަނޑަކަށް ފަސް ލައްކަ ވޯޓުގެ ތަފާތުންނެވެ.

ބޮޑުވަޒީރުކަމާ ދެވަނަ ދައުރަކަށް ނަރެންދްރާ މޯދީ މިއަދު ހަވާލުވެވަޑައިގެންނެވި އިރު، އެމަނިކުފާނު ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖެއަށެވެ. އެގޮތުން، މި ފެށޭ ޖޫން މަހުގެ ހަތަކާއި އަށްވަނަ ދުވަހު (އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު) ރާއްޖެ ވަޑައިގަންނަވާ އިރު، ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނު ތަގުރީރުކުރައްވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.