ޖިއްދާ (ޖޫން 30) : އަރަބި ގައުމުތަކުގެ އިސްވެރިންގެ ސަމިޓަކާއި ގަލްފުގެ އެއްބާރުލުމާބެހޭ ޖަމްއިއްޔާގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓެއް މާތްވެގެންވާ މައްކާގައި ބާއްވަނީ ގަލްފުގެ ތެލުގެ މަރުކަޒުތަކަށް ދާދިފަހުން ދިން ޙަމަލާތަކާ ގުޅިގެން އީރާނަށް ވަރަގަދަ މެސެޖެއް ދިނުމަށްޓަކައި ކަމަށް ސައުދީ ރަސްމީ މިޑީޔާއިން ބުނެފިއެވެ.

ސައުދީ ރަސްމީ ނޫސް އެޖެންސީން ބުނީ މައްކާގައި މިއަދު ފެށުމަށް ހަމަޖެހިފައިވާ އަރަބި ލީގުގެ ސަމިޓާއި ޖީސީސީގެ ސަމިޓުން އީރާނަށް ވަރުގަދަ މެސެޖެއް ލިބޭނެކަމަށް އުންމީދުކުރާ ކަމުގައެވެ. ޔުނައިޓެޑް އަރަބް އިމަރޭޓްސްގެ ފުޖައިރާ ބަނދަރުގެ ބޭރުން ދަތުރުކުރި އާގު ބޯޓާއި ތެޔޮ ޓޭންކަރު ތަކަށް މީގެ ދެހަފްތާކުރިން އަމާޒުވި ގޮންނޭންގޭ ޙަމަލާތަކުގެ ފަހަތުގައިވާ ކަމުގެ ތުހުމަތު އެމެރިކާއިން ކުރަނީ އީރާނުގެ މައްޗަށެވެ. އެއީ އީރާނުން ގަލްފަށް ދޫކޮށްލި މައިންއެއް ގެ ހަމަލާއެއްކަމަށް އެމެރިކާ ތުހުމަތު ކުރާއިރު އީރާނުންވަނީ އެއީ ގަލްފުގައި ހަނގުރާމައިގެ ހުޅު ރޯކުރުމަށް އެމެރިކާ އަޑީގައި އޮވެގެން ހިންގި އަމަލަކަށް ވުން އެކަށީގެންވާ ކަމަށް ބުނެފައެވެ.

މީގެއިތުރުން ޔަމަންގެ ހަނގުރާމައިގާ ހޫޘީ ޖަމާއަތުން ޑްރޯން ބޭނުންކޮށްގެން ސައުދީ ތެލުގެ މަރުކަޒަކަށް ދާދިފަހުން ދިން ހަމަލާތަކާތަކުގެ ފަހަތުގައިވަނީވެސް އީރާން ކަމަށް ސައުދީ ސަރުކާރުންވަނީ ތުހުމަތުކޮށްފައެވެ. ހޫޘީން ސައުދީ ތެލުގެ މަރުކަޒަށް ހަމަލާދިނީ އީރާނުން ބުނެގެންކަމަށްވެސް ސައުދީ ން ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް ހޫޘީންވަނީ ސައުދީ ތެލުމުގެ މަރުކަޒުތަކަށް ޙަމަލާދިނީ އަމިއްލަނަފްސުގެ ދިފާއުގައި ކަމަށާ ޔަމަނަށް ސައުދީން ހަމަލާދީ ކުރަމުން ގެންދާ ހަނގުރާމަ ހުއްޓާނުލާނަމަ އެފަދަ އިތުރު ހަމަލާތައް ސައުދީ އަށާއި ޔޫއޭއީ އަށް ދޭނެކަމުގެ އިންޒާރުވެސް ހޫޘީންވަނީ ދީފައެވެ.

ހޫޘީންގެ ޑްރޯން ޙަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން ސައުދީ ވައިގެ ސިފައިން ޔަމަނަށް ދިން ހަމަލާތަކުގައި ޔަމަންގެ ހަތްމީހުން މަރުވެފައިވާއިރު އޭގެތެރެއިން ހަމީހުންނަކީ އެއްއާއިލާއަށް ނިސްބަތްވާ މީހުން ކަމަށް ރިޕޯޓްތައް ބުނެފައިވެއެވެ. ޔަމަންގެ ހަނގުރާމައިގާ ސައުދީ ސިފައިން ޔަމަނަށް ދޭ ވައިގެ ޙަމަލާތަކުގައި ޔަމަންގެ އެތަށް ހާސްބަޔަކު މަރުވެފައިވާއިރު އެގައުމުގެ މަދަނީ އިންފްރާސްޓްރަކްޗަރު ވެސް ވަނީ ހަލާކުކޮށްލާފައެވެ. މީގެތެރޭގައި ހޮސްޕިޓަލްތަކާއި މިސްކިތްތަކާ އަދި ސްކޫލްތަކާ އަދި އާންމުންގެ ގެދޮރުފަދަ މަދަނީ އިމާރާތްތައް ހިމެނެއެވެ.

އަރަބި ލީގުގެ ސަމިޓާއި ޖީސީސީގެ ސަމިޓާ އަދި އިސްލާމީ ގައުމުތަކުގެ ޖަމްއިއްޔާ އޯއައިސީގެ ސަމިޓް މައްކާގައި ބޭއްވުމަށް ސައުދީ ރަސްގެފާނު ގޮވާލެއްވީ ޔަމަންގެ ހޫޘީން ސައުދީ ތެލުގެ މަރުކަޒަށް ދިން ޙަމަލާތަކަށްފަހުއެވެ. މިސަމިޓްތަކުގެ ބޭނުމަކީ އަރަބި އަދި އިސްލާމީ ގައުމުތަކުން ސައުދީ އަށް ހަމްދަރްދީ ފާޅުކޮށް ހޫޘީންނާ އަދި އީރާން ކުށްވެރިކޮށް ބަޔާންތައް ނެރުންކަމަށް ބެލެވިފައިވެއެވެ. އިސްރާއީލުން ދާދިފަހުން ޣައްޒާއަށް ދިން އުދުވާނީ ހަމަލާތަކުގައި ފަލަސްތީނުގެ އެތަށް ބަޔަކު މަރުވެފައިވާއިރުވެސް ސައުދީން އިސްރާއީލު ކުށްވެރިކޮށް ބަޔާނެއް ނެރެފައިނުވާއިރު އަރަބި ސަމިޓަކަށްވެސް ގޮވާލާފައެއް ނުވެއެވެ.

މައްކާގައި ބާއްވާ ސަމިޓްތައް ފެށުމުގެ ކުރިން ދެއްވި ބަޔާނެއްގައި ސައުދީ ޚާރިޖީ ވަޒީރު އިބްރާހީމް އަލްއައްސާފް ވަނީ ގަލްފުގެ ތެލުގެ މަރުކަޒުތަކަށް ދޭ ހަމަލާތަކަކީ މުޅި ދުނިޔެއާ ދެކޮޅަށް ދޭ ހަމަލާތަކެއް ކަމަށް ސިފަކުރައްވާފައެވެ. އަދި ތެލުގެ ވަސީލަތްތަކަށް ދޭ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭންޖެހޭ ކަމަށްވެސް ސައުދީ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. ނަމަވެސް އެއްވެސް ގައުމެއްގެ ނަން އޭނާ ވިދާޅެއް ނުވެއެވެ.

ގަލްފަށް ސިފައިންނާއި ހަނގުރާމައިގެ މަނަވަރުތައް ފޮނުވައިގެން އީރާނަށް ބިރުދައްކައި އެ ސަރަހައްދުގައި ހަމަނުޖެހުން އުފައްދައި އަމްނު އަމާންކަން ނަގާލުމަށް އެމެރިކާ ކުރާ މަސައްކަތްތަކުގެ ފަހަތުގައިވަނީ ސައުދީ އާއި ޔޫއޭއީ ކަމަށް އީރާނުން ތުހުމަތު ކުރެއެވެ. (ނޫސްއެޖެންސީތައް)