30 May 2019, 16:29
ސައުދީއަރަބިއްޔާގެ މައްކާގައި ބޭއްވުމަށް ހަމަޖެހިފައިވާ 14 ވަނަ އިސްލާމިކް ސަމިޓް ކޮންފަރެންސަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި އޯގަނައިޒޭޝަން ފޮރ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންފިއެވެ.
އެ ބައްދަލުވުމުގައި އޯ.އައި.ސީ މެމްބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ވަނީ 14 ވަނަ އިސްލާމިކް ސަމިޓް ކޮންފަރެންސްގެ އެޖެންޑާ ފާސްކުރައްވާފައެވެ.
އޭގެ އިތުރުން ސަމިޓްގައިވާ މައްކާ ޑެކްލަރޭޝަންއާއި، ސީނިއަރ އޮފިޝަލްސް މީޓީންގ ގައި މަސައްކަތް ފެށުނު ފަލަސްތީނުގެ މައްސަލައިގެ ގަރާރުގެ ޑްރާފްޓާއިމެދުވެސް ވަނީ މަޝްވަރާކޮށްފައެވެ.
އެ ގަރާރު ފާސްކުރާނީ އޯއައިސީ ގައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ އިސްލާމިކް ސަމިޓް ކޮންފަރެންސްގައެވެ.
ފޮރިން މިނިސްޓްރީން ބުނީ މައްކާ ޑެކްލަރޭޝަނާއި ފަލަސްތީން މައްސަލައިގެ ޤަރާރަށް ތާޢީދުކުރާކަން ހާމަކޮށް، ދެ ޑޮކިއުމަންޓްވެސް ހުރިހާ ޤައުމެއްގެ އިއްތިފާޤުން ފާސްކުރުމަށް ރާއްޖެއިން ގޮވާލައިފައިވާ ކަމަށެވެ.
އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ އިސްލާމީ އުއްމަތަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރިގަތުމަށް ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުން އިތުރުކޮށް، ތަޖުރިބާ ޙިއްސާކުރުމަށް ވަނީ ގޮވާލައްވާފައެވެ.
އަދި އިސްލާމީ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ދެމެހެއްޓެނީ ޤައުމުތަކުގެ މެދުގައި އޮންނަ ޒަމާންވީ ރަހުމަތްތެރިކަމާއި، މަޝްވަރާކުރުމުގެ އުޞޫލަށް އިހުތިރާމްކުރުމުގެ ސަބަބުންކަމަށް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.
އެ ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ މިނިވަން ދައުލަތެއް ގާއިމްކުރުމަށާއި ސުލްހަވެރި ދިރިއުޅުމެއް އުޅުމަށް ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންވާ ހައްޤަށް ދިވެހިރާއްޖެއިން ކުރާ ތާޢީދު އަނެއްކާވެސް ހާމަކުރައްވައި، ފަލަސްތީނުގެ ރައްޔިތުންނާއިއެކު ދިވެހިން ތިބިކަން ހާމަކުރައްވާފައެވެ. މީގެ އިތުރުންވެސް ދުނިޔޭގެ އެކިކަންކޮޅުތަކުގައި އަނިޔާ ތަޙައްމަލުކުރަމުންދާ މުސްލިމުންނާއިއެކު ދިވެހިން ތިބިކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ދުނިޔޭގެ ޤައުމުތަކުގެ ވެރިންނަށް ގޮވާލައްވައި، މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ނުރައްކާ ކުރިމަތިވެފައިވާ މިންވަރު ފާހަގަކުރެއްވިއެވެ.
ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ހަވާސާގައި މިނިސްޓަރ ޝާހިދު ވަނީ އެހެން ބައެއް ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި ބައްދަލުކުރައްވާފައެވެ. އެގޮތުން ބަންގްލަދޭޝް، އުރުދުން، އިންޑޮނީޝީއާ، ބްރޫނާއީ، އަދި މިސްރުގެ ޚާރިޖީ ވަޒީރުންނާއި ބައްދަލުކުރައްވައި، އެޤައުމުތަކާއި ދިވެހިރާއްޖެއާއި ދެމެދު އޮންނަ ގުޅުންތަކުގެ މައްޗަށާއި އެޤައުމުތަކާއި ގުޅިގެން ކުރެވެމުންދާ އަދި ކުރެވިދާނެ މަސައްކަތްތަކާއި ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ.