30 May 2019, 16:16
މަޖިލިސް މައްސަލަތަކާއި ބިލްތަކުގައި ބަހުސްތަގެ ވަގުތު ހަތަރު ގަޑި އިރަށް ދިގު ކުރުމަށް މަޖިލިސް ގަވައިދަށް އިސްލާހު ގެނެއުމަށް، ގަވައިދު އިސްލާހު ކުރުމަށް އެކުލަވާލި 11 މެމްބަރުންގެ ކޮމެޓީން ފާސް ކޮށްފި އެވެ. އެއާއެކު ކޮންމެ މެމްބަރަކަށް ދެ މިނެޓު ހަތް ސިކުންތު ލިބޭގޮތަށް ވަނީ ގަވައިދުގައި ހިމަނާފައެވެ.
މަޖިލިސް ގައިވައިދުގައިވާ ގޮތުން މީގެ ކުރިން ބަހުސްގެ ވަގުތަކީ ތިން ގަޑި އިރެވެ. އަދި މެމްބަރުންނަށް ވާހަކަ ދައްކަން ލިބެނީ، ޕާޓީތަކަށް ނިސްބަތްވާ އަދަދަށް ބަލާ އެ ޕާޓީ އަކަށް ހަމަޖެހޭ ވަގުތުކޮޅެވެ.
ނަވަރާ ވަނަ ރައްޔިތުންގެ މަޖިލިސްގެ ގަވައިދު އިސްލާހު ކުރުމަށް އެކުލަވާލި ކޮމެޓީން ތިން ގަޑި އިރު ބަހުސްއަކަށް ފަހު، މެމްބަރުންގެ މެދުގައި ވަނީ ވަގުތު ބަހާނެ ގޮތަކާ މެދު އެއްބަސް ވުމަކަށް އާދެވިފައެވެ. ކޮމެޓީގެ ބައްދަލުވުމުގައި ދިގު ބަހުސް އަކަށް ފަހު، ހަތަރު ގަޑި އިރަށް މަޖިލީހުގެ ބަހުސްގެ ވަގުތު އިތުރު ކުރުމަށް ހުރިހާ މެމްބަރުންވެސް އެއްބްސް ވެވަޑައިގެންވި އެވެ.
މެމްބަރުން ހުށަހެޅުއްވި ހުށަހެޅުއްވުންތަކަށް ފަހު ނިންމީ، ހަތަރު ގަޑި އިރު، އެއް ގަޑި އިރު ޕާޓީތަކަށް ހަމަ ހަމަ އުސޫލުން ބަހަންށެވެ. އެގޮތުން އަމިއްލަ މެމްބަރުންނަކީ ވެސް ޕާޓީއެއް ގޮތުގައި ބަލައިގަނެ، ހަ ޕާޓީއަށް އެއް ގަޑި އިރު، ބެހުމުން ކޮންމެ ޕާޓީ އަކަށް ބަހުސްގެ 10 މިނުޓު ލިބޭނޭއެވެ.
ބަހުސްގެ ހަތަރު ގަޑިއިރުން ބާކީ ތިން ގަޑި އިރު، މަޖިލީހުގެ ރިޔާސަތު ނުލާ 86 މެބަރުންގެ މެދުގައި ހަމަ ހަމައަށް ބެހުމަށް މެމްބަރުން ނިންމި އެވެ. އެގޮތުން ކޮންމެ މެމްބަރަކަށް ތިން ގަޑި އިރު ހަމަހަމަ އުސޫލުން ބެހުމުން ކޮންމެ މެމްބަރަކަށް ވެސް ދެމިނެޓު ނުވަ ސިކުތު ލިބޭނެއެވެ.
ހަތަރު ގަޑި އިރު ބަހުސް ދިގުކޮށް މެމްބަރުންގެ މެދުގައި ބަހާނެ ގޮތް މަޖިލިސް ގަވައިދުގައި ހިމެނުއްވުމަށް ހުށަހެޅުއްވީ، ފޮނަދޫ ދާއިރާ މެމްބަރު، މޫސާ ސިރާޖެވެ. އެނާގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ، ހަނިމާދޫ ދާއިރާ މެމްބަރު، އަބްދުލް ޤަފޫރު މޫސާ އެވެ.
ސިރާޖުގެ ހުށަހެޅުއްވުމަށް ވަޑައިގެން ތިއްބެވި، އަށް މެމްބަރުންގެ ތެރެއިން ހަތް މެމްބަރުން ތާއީދު ކުރެއްވި އެވެ. ސިރާޖުގެ ހުށަހެއްޅުވުމަށް ވޯޓު ނުދެއްވީ ހަމަ އެކަނި ހުޅުދޫ ދާއިރާ މެމްބަރު އިލްޔާސް ލަބީބެވެ. އިލްޔާސް އިތުރު ހުށަހެޅުއްވުމެއް ހުށެހެއްޅުމަށް ރިޔާސަތުން ޖާގަ ނުދެއްވައި ކޮމެޓީގެ އެބައި ނިންމާލިއެވެ.
ކޮމެޓީގައި މިހާރު ކުރިއަށް ދަނީ، ގަވައިދު ރިވިއު ކުރުމުގެ މަސައްކަތެވެ.
މިއަދު ގެނެވުނު އިސްލާހަށް ދެން ބާއްވާ ރައްޔިތުންގެ މަޖިލިސް ޖަލްސާއެއްގައި އަމަލު ކުރުމަށް ފެށޭނެއެވެ. މަޖިލީހުން ކޮމެޓީއަށް މަޖިލީހުގެ ގަވައިދު އިސްލާހު ކުރުމަށް ހަވާލު ކުރީ އެއް މަސް ދުވަހަށެވެ.