އަންގާރަ ދުވަހު ފެށިގެންދިޔަ 19 ވަނަ މަޖިލީހާއެކު އުއްމީދީ ބަދަލުތަކެއް ފެނިގެން ދާން ފަށައިފައިވާ ކަަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސްކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އަދި ޖޭއެސްސީގެ މެމްބަރުކަމަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން އައްޔަނުކުރިކުރުމަށް އިޝާރާތްކުރައްވައި ޝިދާތާ ވިދާޅުވީ މިއީ ރައްޔިތުންގެ ވިންދާ ގުޅިފައިވާ އުއްމީދީ ބަދަލެއް ކަަމުގެ ހެއްކެއް ކަމަށެވެ،

ޝީދާތާ މީގެ ކުރިން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ނުވަތަ ނައިބު ރައީސަކަށް އަންހެން މެންބަރަކު ގެނައުމަކީ ނަމޫނާ އަކަށްވާނެ ކަމަށް ވިދާޅުވެސްފައެވެ.

އަލަށް އިންތިޚާބުކުރި މަޖިލީހުގައި ތިއްބަވާނީ ހަތަރު އަންހެން މެންބަރުންނެވެ. އެއީ އީވާ އާއި ރޮޒައިނާގެ އިތުރުން ތުޅާދޫ ދާއިރާގެ އިންތިހާބީ މެންބަރު ހިސާން ހުސައިނާއި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދެވެ.

ނަމަވެސް މަޖިލީހުގެ 87 ގޮނޑީގެ ތެރެއިން އަންހެނުންނަށް އެއްމެ ހަތަރު ގޮނޑި ލިބުމަކީ ހިތާމައެއް ކަމަށް މިނިސްޓަރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ދާދި ފަހުން ވިދާޅުވީ ވަކި ޖިންސަކަށްވީތީ ކުރިމަތިވާ އަނިޔާ ނިމުމަކަށް ގެނައުމަށް ޓަކައި ސަގާފީ، އިޖުތިމާޢީ، ފިކުރީ ގޮތުން ވިސްނުމަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ބޭނުންވާ ސިޔާސަތުތައް ނެގެހެއްޓުމުގައި ރާއްޖޭން ދެމިއޮންނާނެ ކަމަށެވެ.