ފުލުހުން ހޯދަން ބޭނުންވާ މައުލޫމާތުތަކެއް ސާފުކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ދަރިކަލުން ޣައްސާނު މައުމޫން ފުލުސް އޮފީހަށް ހާޒިރުވުމަށް އަނެއްކާ ވެސް ޗިޓު ފޮނުވައިފި އެވެ. ތިން ވަނަ ފަހަރު ޣައްސާނަށް ޗިޓު ފޮނުވާފައި ވަނީ މާދަމާ 10:00 ޖަހާއިރު ހާޒިރު ވުމަށެވެ.

ޣައްސާނަށް ތިން ވަނަ ޗިޓެއް ފޮނުވީ މިއަދު މެންދުރު 2:00 އަށް ފުލުސް އޮފީހަށް ހާޒިރުވާން އިއްޔެ ފޮނުވި ޗިޓު މިއަދު ކެންސަލްކޮށްފައި ވަނިކޮށެވެ.
ޣައްސާންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭ) މިރޭ ވިދާޅުވީ އަލުން ފޮނުވާފައިވާ ޗިޓަށް މާދަމާ ޣައްސާނު ހާޒިރުވާނެ ކަމަށެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލު ވިދާޅުވީ ފުލުހުން ޗިޓެއް ފޮނުވާ ކޮންމެ ފަހަރަކު މީޑިޔާއަށް އެކަން އަންގަން ނުޖެހޭނެ ކަމަށެވެ.


ފުލުސް އޮފީހަށް ޣައްސާން ހާޒިރުކުރަނީ މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތޮފާގެ ޝަރީއަތުގެ އަޑުއެހުމެއް ކުރިއަށް ދިޔަ ވަގުތު ވެރިކަން ކުރާ އެމްޑީޕީ އަށް ނިސްވަތްވާ ގިނަ އަދަދެއްގެ ބަޔަކު ޝަރުއީ ދާއިރާ މިނިވަން ކުރުމަށް ކަމަށް ބުނެ، ސުޕްރީމް ކޯޓު ކައިރީގަ އާއި މ. އެންދެރިމާގޭ ކައިރީއަށް އެއްވެ މުޒާހަރާކޮށް، ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން ކުރަމުން ގެންދާ ތަހްޤީޤަކަށް ބޭނުންވާ މައުލޫމާތު ސާފުކުރުމަށް ކަމަށް ބުނެ އެވެ.