19:00


ކުލަގަދަ ހުޅުވުމުގެ ރަސްމީޔާތަކަށްފަހު، ސައުތް އެފްރިކާގެ އާއި މެކްސިކޯގެ ފެނިލުމާއެކު މި އަހަރުގެ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތް ސައުތް އެފްރިކާގައި ދާދި ދެންމެއަކު ފަށައިފި އެވެ.


މެކްސިކޯ އާއި ސައިތް އެފްރިކާ ބައްދަލުކުރާ މެޗް ކުރިއަށްދާ ސޮކަ ސިޓީ ސްޓޭޑިއަމަކީ އެއްފަހަރާ ނުވަދިޔަ ހާހެއްހާ މީހުންނަށް ކުޅި ބަލަން ތިބެވޭހާ ޖާގަ އޮތް ބޮޑު ސްޓޭޑިއަމެކެވެ.


ސައުތް އެފްރިކާގައި މިއަހަރުގެ ވޯލްޑްކަޕް ކުޅުމުގެ ފުރުސަތު ހޯދައިދެއްވި ސައުތު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާ ވޯލްޑްކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. އެއީ މަންޑޭލާގެ ކާފަ ދަރިކަނބަލަކު ކާރު އެކްސިޑެންޓެއްގައި ރޭ އަވަހާރަވުމާ ގުޅިގެންނެވެ. ކާފަ ދަރިކަނބަލުން އަވަހާރަވެފައިވަނީ ވޯލްޑްކަޕް ފެށުން ފާހަގަކުރުމުގެ ގޮތުން ޖޮހޮނަސްބާގްގައި ރޭ ބޭއްވި ބޮޑު ކޮންސެޓަށްފަހު އެނބުރި ގެއަށް ވަޑައިގެންނެވި މަގުމަތީގައި ކާރު ފުރޮޅައިލައިގެން ކަމަށް ސައުތު އެފްރިކާގެ ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެ ކާރު ފުރޮޅާލާފައި ވަނީ ޑްރައިވަރު މަސްތުވެގެން އިނުމުން ކަމަށާއި މިހާރު އޭނާ ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.


ޖުމްލަ 32 ޤައުމަކުން ބައިވެރިވާ މި އަހަރުގެ ވޯލްޑްކަޕް މުބާރާތުގެ ފޯރި ދުނިޔޭގެ އެހެން ހުރިހާ ޤައުމެކޭ އެއްފަދައިން ރާއްޖޭގައި ވެސް ވަރަށް ފޯރިއާއެކު ކުރިއަށް އެބަދެ އެވެ. އެގޮތުން ވޯލްޑްކަޕްގެ މެޗުތައް ބެލުމަށްޓަކައި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ވަނީ މަގުތަކާއި ހުސް ބިންތަކުގައި ބޮޑު ސްކްރީންތައް ބަހައްޓައިފަ އެވެ.