30 May 2019, 15:22
ކޮލަމްބޯ (މެއި 30): މިދިޔަ މަހުގެ 21ގައި ސްރީލަންކާއަށް ބޮމުގެ ހަމަލާތަކެއް ދޭން އުޅޭ ކަމުގެ މައުލޫމާތު ރައީސް މައިތިރިޕާލާ ސިރިސޭނާއަށް ދިން ކަމަށް ބުނާ ރިޕޯޓުތައް ރައީސް ދޮގުކުރައްވައިފި އެވެ.
ލަންކާގެ ބައެއް މީޑިއާތަކާއި ބޭރުގެ ނޫސްތަކުން ބުނާ ގޮތުގައި އެގައުމުގެ ނެޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ)އިން ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު ޖާސޫސީ އިދާރާތަކަށް މިދިޔަ މަހުގެ ކުރީކޮޅު ލިބެން ފެށި އެވެ. އަދި މިދިޔަ މަހުގެ އަށެއްގައި އޭރުގެ ފުލުހުންގެ ވެރިޔާ ޕުޖިތު ޖަޔަސަންދަރާއާ އެކު ބޭއްވި ބައްދަލުވުމެއްގައި އެމައުލޫމާތު ސިރިސޭނާއާ ހިއްސާ ކުރި ކަމަށް ބައެއް ރިޕޯޓުތަކުގައިވެ އެވެ.
ނަމަވެސް ސިރިސޭނާ ވަނީ އޭޕްރިލް އަށެއްގައި އޭނާ ފުލުހުންގެ ވެރިޔާއާ އެކު ދެ ގަޑިއިރަށް ބައްދަލުކުރެއްވި ނަމަވެސް، ޓެރަރިސްޓު ހަމަލާއަކާ ބެހޭ މައުލޫމާތު ރައީސަށް ދެއްވާފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭރުގެ ޑިފެންސް ސެކްރެޓަރީ ހެމަސިރީ ފާނަންޑޯ ވެސް ސިރިސޭނާއަށް ހަމަލާއަކާ ބެހޭ މައުލޫމާތު ނުދެއްވާ ކަމަށް ވިދާޅުވެފަ އެވެ.
އެމައްސަލައިގައި ޖަޔަސަންދަރާ މަގާމުން ދުރުކޮށްފައިވާ އިރު ފާނަންޑޯ ވަނީ އިސްތިއުފާ ދެއްވާފަ އެވެ.
ނަސާރާއިން ފާހަގަ ކުރާ އީސްޓާ ސަންޑޭއާ ދިމާކޮށް ލަންކާގެ ފައްޅިތަކަށާއި ހޮޓާތަކަށް ދިން ހަމަލާތަކުގައި 250 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.
މީގެ ކުރިން ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވެސް ވަނީ އެގައުމުގައި ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ސިރިސޭނާ އާއި ވިކްރަމަސިންހަގެ ގުޅުން ގޯސްވެ، އިންޓެލިޖެންސް ރިޕޯޓުތައް ވިކްރަމަސިންހައާ ހިއްސާ ނުކުރާތީ ކަމަށް ވިދާޅުވެފަ އެވެ.
ލަންކާ ކެބިނެޓުގެ ތަރުޖަމާނު ރަޖިތާ ސެނެރަތުނަ ވިދާޅުވި ގޮތުގައި އެންޓީޖޭއިން ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރު ޖަޔަސަންދަރާ އާއި ގައުމުގެ އެހެން ސެކިއުރިޓީ ޑިވިޝަންތަކަށް ޖާސޫސީ އިދާރާތަކުން އޭޕްރިލް 11އިގައި ފޮނުވި އެވެ. އަދި ހަމަލާ ދިނުމުގެ ދެ ގަޑި އިރު ކުރިން، ފައްޅިތަކަށް އަމާޒުކޮށް ހަމަލާއެއް ދޭން އުޅޭ ކަމަށް އިންޑިއާގެ ޖާސޫސީ އިދާރާތަކުން ލަންކާއަށް އެންގި ކަމަށް ރޮއިޓާސްއިން ރިޕޯޓުކުރި އެވެ.
އޭގެ ސަބަބުން ލަންކާ ސަރުކާރުން ވަނީ ޖާސޫސީ މައުލޫމާތާ ގުޅިގެން ސަލާމަތީ ފައުޖުތަކުން އަޅަން ޖެހޭ ފިޔަވަޅުތައް ނޭޅި ސަބަބު ތަހުގީގު ކުރަން ފަށާފަ އެވެ.