30 May 2019, 14:50
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ސައުދީ އަރަބިއާ އިން ހޫނު މަރުހަބާ އެއް ކިޔައިފި އެވެ.
މާދަމާ ފަށާ އޯއައިސީގެ 14 ވަނަ ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް އިއްޔެ ސައުދީ އަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ ސައުދީގެ މިނިސްޓާ ފޯ ރޯޔަލް ޕްރޮޓޮކޯލް އެވެ.
މި ދަތުރު ފުޅުގައި އޯއައިސީގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ރައީސް ސޯލިހު ތަގުރީރު ކުރައްވާނެ އެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން އުމްރާގެ އަޅުކަން ވެސް އަދާ ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް ސޯލިހު މާލެ ވަޑައިގަންނަވާނީ އަންނަ މަހުގެ ތިން ވަނަ ދުވަހު އެވެ.

ރައީސް ސައުދީ އަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
އޯއައިސީ ސަމިޓަކީ އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ މުހިންމު މައްސަލަތަކާ ބެހޭ ގޮތުން އިސްލާމީ ޤައުމުތަކުގެ އިސްވެރިން ބައްދަލުކުރައްވައި މަޝްވަރާކުރުމަށް ބާއްވާ ސަމިޓެކެވެ.