30 May 2019, 14:07
ކޯޓްގެ ހުރުމަތް ކެނޑި މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އިއްވާފައިވާ 15 ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރަން ފަށާފައިވާ ކަމަށް ކަރެކްޝަނަލް ސާވިސަސް އިން މިއަދު ބުނެފި އެވެ.
އަދީބުގެ މައްޗަށް އިއްވާފައިވާ މައިގަނޑު ތިން ހުކުމުގެ ތެރެއިން އެންމެ ފަހުން އޮތް ހުކުމް ކަމަށްވާ، ހިޔާނާތުގެ މައްސަލައިގައި އިއްވާފައިވާ އަށް އަހަރުގެ ހުކުމް މިއަދު ވަނީ ހައިކޯޓުން ބާތިލްކޮށް އަލުން ބަލަން އަންގައިފަ އެވެ.
ކަރެކްޝަނަލް ސާވިސަސްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ކޯޓްގެ ހުރުމަށް ކެނޑި މައްސަލައެއްގައި އަދީބުގެ މައްޗަށް އިއްވާފައިވާ 15 ދުވަހުގެ ޖަލު ހުކުމެއް އަދިވެސް އެބަ އޮތް ކަމަށެވެ. އޮފިޝަލް ވިދާޅުވި ގޮތުގައި، ކަރެކްޝަންސް އިން އަމަލު ކުރާ އާންމު އުސޫލަކީ ގިނަ ހުކުމްތަކެއްގައި ޖަލަށް ލާފައި ތިބޭ މީހުންގެ އެއް ހުކުމް ބާތިލް ކުރުމުން ދެން އޮންނަ ހުކުމް ތަންފީޒު ކުރުން ކަމަށެވެ.
"އެ އުސޫލުން އަދީބުގެ އަދި އެބަ އޮތް އެއް ހުކުމް ތަންފީޒު ނުވެސް ކޮށް އޮތް. އެއީ ކޯޓްގެ ހުރުމަށް ކަނޑައިގެން އިއްވިފާފައިވާ 15 ދުވަހުގެ ހުކުމެއް. އެ ހުކުމް ތަންފީޒު ކުރުން ފެށިފައި އެ ވަނީ،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ހުކުމް ތަންފީޒު ކުރުން، ޖަލަށް ބަދަލު ކުރަން އަދި ނިންމާފައި ނެތް ކަމަށެވެ. އަދީބު އަދި ހުންނަވާނީ ގޭގައި ކަމަށް ވެސް ވިދާޅުވި އެވެ. އަދީބު ގޭ ބަންދުގައި މިހާރު ހުރީ ހުކުމްތައް ރިވިއުކޮށް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން ކުރި އަމުރެއްގެ ދަށުން އެވެ.
އަދީބުގެ މައްޗަށް ދެން އިއްވާފައިވާ ހުކުމްތަކުގެ ތެރެއިން ފިސްތޯލައެއް ގެންގުޅުނު ކަމުގެ ތުހުމަތުގައި އިއްވި 10 އަހަރުގެ ހުކުމް ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. އަދި ރައީސް ދަތުރުކުރެއްވި "ފިނިފެންމާ" ލޯންޗްގައި އެއްޗެއް ގޮއްވާލި މައްސަލައިގައި އިއްވާފައިވާ 15 އަހަރުގެ ޖަލު ހުކުމް ވެސް ހައިކޯޓުން ބާތިލްކޮށް ކްރިމިނަލް ކޯޓުން އެ ހުކުމް ރިވިއު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.