އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ އުރީދޫ "ކަލާ ރަން" ޖޫން 28 ގައި ބާއްވަން ނިންމައިފި އެވެ.

އެންމެ ފުރަތަމަ މި ދުވުން ބާއްވަން ނިންމީ ޖޫން 21 ގައެވެ. ނަމަވެސް ވީހާވެސް ގިނަ ދުވުންތެރިން ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން، ޖޫން 28 ވަނަ ދުވަހަށް ދުވުން ވަނީ ބަދަލުކޮށްފަ އެވެ.

އުރީދޫ އިން ބުނީ މި ބަދަލު ގެނައީ ދުވުމާ ގުޅުން ހުރި ގިނަ ޕާޓްނަރުންނާއި، ދުވުންތެރިންގެ އެދުމުގެ މަތިން ކަމަށެވެ.

ޔޫތް މިނިސްޓްރީގެ ބައިވެރިވުމާއި އެކު، މިދިޔަ މަހު އުރީދޫ ކަލާ ރަން އައްޑޫގައި ބާއްވަން އިއުލާންކުރީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ރައްޔިތުންނަށް, އުރީދޫ ކަލަ ރަންގެ އުފާ ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިނުމަށެވެ.

އުރިދޫ ކަލާ ރަން ކުރިއަށް ގެންދަނީ، ދުޅަހެޔޮ ދިރިއުޅުމަކަށް ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނެވޭނެ ހަރަކާތެއްކަން އަންގައިދިނުމުގެ އަމާޒުގަ އެވެ. މި ދުވުމުގެ މަގުބޫލުކަން އަހަރުން އަހަރަށް އިތުރުވަމުންދާ ކަމަށް އުރީދޫ އިން ބުންޏެވެ.

މި ދުވުމުގައި ހަ އަހަރުން މަތީގެ ފަރާތްތަކަށް ބައިވެރި ވެވޭނެއެވެ. ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެ ދުވުމެކެވެ.

އުރީދޫ ކަލާ ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެ އެވެ. މި ހަރަކާތް އިތުރަށް ފޯރިގަދަ ކުރުމަށްޓަކައި، ބައިވެރިންގެ ތެރެއިން އެންމެ ފޯރިގަދަ ދުވުންތެރިޔާ އަދި އެންމެ ސަޅި ކޮސްޓިއުމް ހޮވާ ހާއްސަ އިނާމުތަކެއްދެ އެވެ.

މިދިޔަ އަހަރު ހުޅުމާލޭގައި ބޭއްވި ކަލާ ރަން އާއި އެއްގޮތަށް، އައްޑޫގައި ވެސް ކަލާ ރަންގެ ފޯރި މުޅި ދުވަހަށް ކުރިއަށްގެންދާނެ އެވެ. މިގޮތުން، ހަވީރު ބޭއްވޭ ރަންގެ ކުރިން، ހެނދުނު ކައިޓް ފެސްޓިވަލެއްވެސް ބޭއްވުމަށްވަނީ ހަމަޖެހި ފައެވެ.

މި ދުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އުރީދޫ މޯލްޑިވްސްގެ ވެބްސައިޓް މެދުވެރިކޮށް ރެޖިސްޓަ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވައިލާނެ އެވެ.