30 May 2019, 14:04
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ. މިއީ 19ވަނަ މަޖިލީސް ފެށުމަށްފަހު، މަޖިލިސް ރައީސް ބޭރުގެ ޑިޕްލޮމެޓަކާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.
ރައީސް ނަޝީދު އިންޑިއާ ސަފީރާ ބައްދަލުކުރައްވާފައި ވާއިރު އަންނަ މަހުގެ ހަތަކުން އަށަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ޒިޔާރަތް ކުރައްވާނެއެވެ.
މި ޒިޔާރަތުގައި މޯދީ، ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން މަޖިލީހުގެ ޗެމްބަރުގައި ތަގުރީރު ކުރައްވާނެއެވެ. މިއީ އާ ދައުރަކަށް އިންތިހާބުވެ ވަޑައިގެން ފަހުން މޯދީ ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.