30 May 2019, 13:12
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރުސީ އިން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ފޭމް ޓްރިޕްތަކުގެ ތިން ވަނަ ބުރުގައި ތިން ގައުމެއްގެ ނޫސްވެރިން ރާއްޖެ ގެނެސްފިއެވެ.
މިފަހަރު ރާއްޖެ ގެނެސްފައިވަނީ ސްވިޒަލެންޑާއި ޖަރުމަނާއި އޮސްޓްރިއާގެ ނޫސްވެރިން ތަކެކެވެ.
މި ޓީމުން މިމަހުގެ 26 އިންް އަންނަ މަހުގެ އެކެއްގެ ނިޔަލަށް ރާއްޖޭގައި ޗުއްޓީ ހޭދަކޮށް، ރާއްޖޭގެ ފަތުރުވެރިކަން ތަޖުރިބާ ކުރާނެއެވެ. މި ޓީމުން ޗުއްޓީ ހޭދަކުރާނީ ސީކްރެޓް ޕެރަޑައިސްގެ އެހީތެރިކަމާއެކު ކ.ގުރައިދޫ ޕާމް އިން ގެސްޓް ހައުސްގައްޔާއި ލިޔެލާ ރީޓްރީޓުގެ އިތުރުން ކުރަމަރި މޯލްޑިވްސް އަދި ސަން ސިޔާމް އިރުފުށީގައެވެ.
މިފަހަރު ރާއްޖެ އައި މީޑިއާ ޓީމުގައި ހިމެނެނީ ރެއިސުލްޓްސް އޮސްޓްރިއާ، ޝުވަބިޝެ ޒައިޓުންގް، ބޯލްޑް ދި މެގަޒިން އަދި ވެސްޓްފައެލިޝާ އަދި ފްލީލެންސް ނޫސްވެރިއެކެވެ. މި ޓީމުން ރާއްޖޭގައި ހޭދަކުރާ ޗުއްޓީގެ ތަޖުރިބާ ލިޔެ، މީޑިއާގައި، އާންމުކުރާނެއެވެ.
އެމްއެމްޕީއާރުސީ އިން ބުނީ މީޑިއާ ފޭމް ޓްރިޕްތަކުގެ ސަބަބުން ރާއްޖެ އިތުރަށް އިޝްތިހާރުވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
މިފަހަރުގެ ޓީމުގައި ޖަރުމަނުގެ ނޫސްވެރިއަކު ހިމެނޭއިރު، ޖަރުމަނަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް މާކެޓެވެ. މިމަހުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެއަށް ތިންވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޖަރުމަނުންނެވެ. އޮސްޓްރިއާ އާއި ސްވިޒަލެންޑަކީ 10 ވަނަ އަށް އަދި 12 ވަނައަށް މި މުއްދަތުގައި ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ދެ ގައުމެވެ.