އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިޔާނާތަށް މަގުފަހިވާ ގޮތަށް ރަށްތަކެއް ދޫކުރި މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އިއްވާފައިވާ އަށް އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން މިއަދު ބާތިލުކޮށްފި އެވެ.

އެއާ އެކު އޭނާގެ މައްޗަށް އިއްވާފައިވާ ހުރިހާ ހުކުމެއް ބާތިލުވެ، ޖަލު ބަންދުން މި ވަނީ ވީއްލިފަ އެވެ.

އެހެން ނަމަވެސް އޭނާ އަދިވެސް ހުންނެވީ ގޭބަންދުގަ އެވެ. ސަބަބަކީ އޭނާ ގޭބަންދުގައި ބެހެއްޓުމަށް އަމުރެއް ނެރެފައިވުމާއި އަދި ސުޕްރީމް ކޯޓުން އެ އަމުރަށް ތާއީދުކޮށްފައި ވާތީ އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިޔާނާތަށް މަގުފަހިވާ ގޮތަށް ރަށްތަކެއް ދޫކުރި މައްސަލައިގައި އަދީބުގެ މައްޗަށް އިއްވާފައިވާ އަށް އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން މިއަދު ބާތިލުކުރީ، އެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް އަމުރު ކުރަމުން އެވެ.

ކުރީގެ ނައިބު ރައީސް އަދީބުގެ މައްޗަށް އިއްވާފައިވަނީ ޖުމްލަ ތިން ހުކުމެކެވެ. އެއީ އަލުން ބެލުމަށްޓަކައި މިއަދު ބާތިލުކުރި އަށް އަހަރުގެ ހުކުމުގެ އިތުރުން، ފިސްތޯލައެއް ގެންގުޅުނު މައްސަލައިގައި 10 އަހަރުގެ ހުކުމެއް، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދަތުރުކުރެއްވި ފިނިފެންމާ ލޯންޗްގައި އެއްޗެއް ގޮއްވާލި މައްސަލައިގައި އިއްވާފައިވާ 15 އަހަރުގެ ޖަލު ހުކުމެވެ. އެ ތިން ހުކުމުގައި ޖުމްލަ 33 އަހަރު ޖަލުގައި ހޭދަކުރަން ޖެހެއެވެ.

ނަމަވެސް ސުޕްރީމް ކޯޓުން މި ހަފްތާގައި ވަނީ، ފިސްތޯލަ ގެންގުޅުނުކަމަށް ބުނާ މައްސަލައިގައި އަދީބުގެ މައްޗަށް އިއްވާފައިވާ 10 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށްފައެވެ.

މީގެ އިތުރުން ފިނިފެންމާ ލޯންޗުގެ މައްސަލައިގައި އިއްވާފައިވާ 15 އަހަރުގެ ޖަލު ހުކުމްވެސް އަލުން ބެލުމަށް އަމުރުކުރުމާ އެކު ކުރިން ކުރި ހުކުމް ވަނީ ބާތިލްކޮށްފަ އެވެ.