ރާއްޖޭގައި އިންސާފާއި އަދުލު ފޯރުކޮށްދެވޭނީ ފަނޑިޔާރުންގެ އަބުރާއި ކަރާމާތާއި މިނިވަންކަމާއި މުސްތަގިއްލުކަން ރައްކާތެރި ކުރެވިގެން ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން ވިދާޅުވެއްޖެ އެވެ.

ފަހަކަށް އައިސް ސުޕްރީމް ކޯޓާއި ފަނޑިޔާރުން ވަރަށް ގިނަ ބަޔަކު ފާޑު ކިޔަމުންދަނިކޮށް އެމަނިކުފާނު މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ކޯޓުތަކުން ފޯރުކޮށްދޭންޖެހޭ އަދުލް އިންސާފު ގާއިމްކުރުމުގެ މަސައްކަތް ފޯރުކޮށްދެވޭނީ، މުސްތަގިއްލުކަމާއެކު އިންސާފު ގާއިމްކުރުމަށް ކުރާ މަސައްކަތަށް މަގުފަހިވާ ގޮތަށް ޝަރުއީ ކޯޓުތަކާއި ފަނޑިޔާރުންގެ މިނިވަންކަން ރައްކާތެރި ކުރެވިގެން ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވެފައި ވަނީ ކޯޓުތަކާއި ފަނޑިޔާރުންގެ އަބުރާއި ކަރާމާތަށް ގެއްލުން ލިބޭ ގޮތަށް ދޮގު ވާހަކަތައް އެކި މާނައިގައި ދެއްކުމުން އަދުލް އިންސާފު ގާއިމްކުރުމަށް ލޮޅުމެއް އަތުވެދާނެތީ އެމަނިކުފާނު ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

"... ފަނޑިޔާރުންގެ އަބުރާއި ކަރާމާތާއި އިއްޒަތުއް ނަފްސަށް ގެއްލުން ލިބޭ ގޮތަށް، އެކަންކަމުގެ ހަގީގަތް ވާހަކަތެއް އެކިއެކި މާނައިގައި ދެއްކުމުން އަދުލް އިންސާފު ގާއިމް ކުރުމުގެ މި މަސައްކަތަށް ލޮޅުމެއް އަތުވެދާނެތީ އަޅުގަނޑު ކަންބޮޑުވަމެވެ. މިހެންކަމުން ނޭދެވެ އެކިއެކި ހަރަކާތްތަކުންނާއި ނޭދެވޭ އެކިއެކި ވާހަކަތަކުން ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމް އެއްކިބާ ކުރުމަށް ހުރިހާ ފަރާތްތަކަށް އަޅުގަނޑު އިލްތިމާސް ކުރަން،" އެބަޔާނުގައި ވެއެވެ.