30 May 2019, 10:16
ރާއްޖޭގެ 11 ރަށެއްގައި ބޭނުންކުރާގެ އެމްބިޔުލެންސް ގަތުމަށާއި 61 ރަށެއްގައި އައުޓްޑޯ ފިޓްނެސް އިކުއިޕްމެންޓު ބެހެއްތުމަށް އިންޑިއާ އިން އެހީ ދީފި އެވެ.
ފޮރިން މިނިސްޓްރީ އިން ބުނީ މި އެހީ އަކީ، އިޖުތިމާއީ-އިގްތިސޯދީ ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގުމަށް އިންޑިއާ ސަރުކާރުން ރާއްޖެއަށް ދިން 6.93 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ދިން އެހީއެއް ކަމަށެވެ.
މި އެހީގެ ދަށުން ރާއްޖޭގެ ހެލްތު ސެންޓަރުތަކާއި ހޮސްޕިޓަލުތަކުގައި ބޭނުންކުރާނެ 11 އެމްބިޔުލެންސް ގަތުމަށް 7،700،000 ރުފިޔާ ދޭނެ އެވެ. ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށެއްގައި އެމްބިއުލެންސްގެ ހިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ ވައުދެކެވެ.
މީގެ އިތުރުން 61 ރަށުގައި އައުޓް ޑޯ ފިޓްނެސް އިކުއިޕްމެންޓް ބެހެއްޓުމަށް އަށް މިލިއަން ރުފިޔާގެ ހިލޭ އެހީވެސް ވަނީ ހަޖަމައްސައިދީފަ އެވެ.
މި ޕްރޮޖެކްޓުގެ މަގުސަދަކީ ދުޅަހެޔޮ އާދަތައް އަށަގަންނުވައި، ގައިން ގައިން ނާރާ ބަލިތައް މަދުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގަންފައިވާ ވައުދާ އެއްގޮތަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަސްރަތު ކުރެވޭނެ ނިޒާމުތައް ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.
އިންޑިއާ އިން ރާއްޖެއަށް 6.93 އެމެރިކާ ޑޮލަރުގެ ހިލޭ އެހީ ދޭން އެއްބަސްވީ މި އަހަރުގެ މާޗް މަހުގެ 17 އިން 18 އަށް އިންޑިއާގެ އެކްސްޓާރނަލް އެފެއާޒް ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެވެ.
މި އެހީގެ ދަށުން ނ. ޅޮއްސާއި ރ. ކިނޮޅަހުގައި ކްލާސްރޫމެއް އެޅުމަށާއި ހއ. އިހަވަންދޫގައި އިމަޖެންސީ މެޑިކަލް ހިދުމަތް ގާއިމް ކުރުމަށާއި، އއ. އުކުޅަހުގައި ބައިނަލްއަގުވާމީ ކޮންވެންޝަން ސެންޓަރެއް އަޅައި ދ. ވާނީގައި ހުންނަ ފުލުހުންގެ ސްކޫލް ތަރައްގީ ކުރުމަށް އިންޑިއާ ސަރުކާރުން ވަނީ ހިލޭ އެހީ ދީފައެވެ.