ކ. ކާށިދޫ ނެރުކައްޓަށް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ތެޔޮ ބޯޓެއް އުރިއްޖެއެވެ.

އެމްއެންޑީއެފްއިން ބުނީ ކާށިދޫ ނެރުކައްޓަށް ތެޔޮބޯޓެއް އުރިގެން އުޅޭތީ އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. އެ ހާދިސާ ހިނގީ ރޭ ދަންވަރުގެ ވަގުތުގަ އެވެ.

އެ ތެޔޮ ބޯޓުގެ ނަމަކީ "މާތޮޅި"އެވެ. އެ ބޯޓު ފަރަށް އެރި އިރު ހަ ފަޅުވެރިން ތިއްބެވެ.

އުރިފައިވާ ތެޔޮބޯޓު ފުންކުރުމަށް އެމްޕީއެލްގެ ޓަގެއް ބޭނުންކޮށްގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ. އެމްއެންޑީއެފް އިން ބުނި ގޮތުގައި އެ ބޯޓްގައި ތެޔޮ ބަރުކޮށްފައި ހުއްޓެވެ. އެހެން ނަމަވެސް، ތެޔޮ ލީކުވުމުގެ ނުރައްކަލެއް ނެތެވެ.

ހާދިސާ ހިނގި އިރު ބޯޓުގައި 27،000 ލީޓަރުގެ ޕެޓްރޯލު އަދި 180،000 ލީޓަރުގެ ޑީސަލް ބަރުކޮށްފައި ހުރި ކަމަށާއި އޭރު އެ ބޯޓުގައި ހަ ދިވެހިން ތިބި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެ ބޯޓަކީ 100 ފޫޓުގެ ބޯޓެކެވެ.

ނޯޓު: މި ޚަބަރުގައި ކުރިން އެސްޓީއޯގެ ތެޔޮ ބޯޓެކޭ ޖެހިފައިވަނީ މައުލޫމާތުގެ ކުށަކުންނެވެ. ރަނގަޅު ގޮތަކީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ތެޔޮ ބޯޓެކެވެ. ފިއުލް ސަޕްލައި މޯލްޑިވްސްއަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.