މާލޭގައި ކުޑަ ކުއްޖަކު ގޮވައިގެން ލައިސެންސް ނެތް މީހަކު ދުއްވި ސައިކަލު ފިހާރައެއްގެ ތެރެއަށް ވަދެ، ސައިކަލު ދުއްވަން އިން މީހާ ހޭނިތިއްޖެ އެވެ.

މި އެކްސްިޑެންޓްގެ މައުލޫމަތު ފުލުހުންނަށް ލިބުނީ މިރޭ 8:35 އެހައިކަންހާއިރު އެވެ.

ފުލުހުން ބުނީ، މިރޭ ބޮޑު ރަސްގެފާނު މަގުން އިރުން ހުޅަނގަށް ލައިސެންސް ނެތް އަންހެނަކު، ކުޑަ ކުއްޖަކު ގޮވައިގެން ދުއްވާފައި ސައިކަލު ފިހާރައެއްގެ ބިއްލޫރިގަނޑުގައި ޖެހި ތަޅައިގެންގޮސް ފިހާރަ ތެރެއަށް ސައިކަލު ވަދެފައިވާ ކަމަށެވެ.

އެކްސިޑެންޓް ހިނގަން މެދުވެރިވީ، މަގުމަތިން ދިޔަ ކުޑަ ކުއްޖަކު ކައިރިން ސައިކަލު ނައްޓާލަން އުޅުމުގެ ތެރޭގައި ކަމަށް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން 34 އަހަރުގެ އަންހެން މީހާ ހޭނެތިގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަަމަށް ފުލުހުން ބުންޏެވެ. އަދި ސައިކަލު ފަހަރުގައި އިން އިން 10 އަހަރުގެ އަންހެން ކުއްޖާ އަތް ކަފައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ފުލުހުންގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިހާތަނަށް މިއަހަރު 1،057 އެކްސިޑެންޓު ވަނީ ރިޕޯޓު ކޮށްފައެވެ. އޭގެ ތެރެއިން މިމަހު މިހާތަނަށް 195 އެކްސިޑެންޓު ވަނީ ރިޕޯޓުކޮށްފައެވެ.