އިންޑިޔާގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިން ރައްޔިތުންގެ މަޖިލީހުގައި ތަގްރީރު ކޮށްދެއްވުމަށް ދައުވަތު އަރުވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ސިޓީފުޅެއް ފޮނުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ޝާހިދުގެ އެ ސިޓީފުޅުގައި އިންޑިޔާގެ ބޮޑުވަޒީރު ރައްޔިތުންގެ މަޖިލީހުގައި ތަގްރީރު ކޮށްދެއްވުމަށް މަޖިލީހުން ރުހުން ދެއްވާފައިވާ ކަމަށާއި އެކަމުން ވެސް ދިވެހިރާއްޖެ އާއި އިންޑިޔާގެ ބަދަހި ގުޅުން ރަމްޒުކޮށްދޭ ކަމުގައި ބުނެފައިވެ އެވެ.

އަދި މަޖިލީހުން ރުހުންދެއްވުމުން ބޮޑުވަޒީރު މަންމޯހަން ސިން އަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ރާއްޖޭގެ ރައްޔިތުން ކުރާ އިހްތިރާމާއި ގަދަރު ދައްކުވައިދޭ ކަމަށް ޝާހިދުގެ ސިޓީފުޅުގައި ބުނެފައިވާ ކަމަށް މަޖިލީހުގެ އިދާރާ އިން ބުނެ އެވެ.
އިންޑިޔާގެ ބޮޑުވަޒީރު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ތަގްރީރު ކޮށްދެއްވުމަށް ރުހުން ދީފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރުގެ ނުވަ ވަނަ ޖަލްސާގަ އެވެ. ފާއިތުވި 78 އަހަރުގެ ތެރޭގައި ރާއްޖޭން ބޭރުގެ ގައުމެއްގެ އިއްޒަތްތެރިއަކު ރައްޔިތުންގެ މަޖިލީހުގައި ތަގްރީރު ކުރައްވައިފައި ނުވެ އެވެ.

މީގެ އިތުރުން ފާއިތުވި 78 އަހަރުގެ ތެރޭގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ތަގްރީރު ކުރައްވާ ރާއްޖޭން ބޭރުގެ ފުރަތަމަ އިއްޒަތްތެރިއަކަށް ބޮޑުވަޒީރު މަންމޯހަން ސިން ވެވަޑައިގަތުމަކީ މިހާރު އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއް ކަމަށް ޝާހިދުގެ އެސިޓީފުޅުގައި ވިދާޅުވެފައިވާ ކަމަށް މަޖިލީސް އިދާރާ އިން ބުންޏެވެ.