މާލޭގެ ގޯޅިތެރޭގައި ގޮނދަނޑިއެއް އަޅައިގެން ނިދަނިކޮށް މީސްމީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވި ދިވެހި މީހާގެ ހާލަތު ބަލަމުންދާ ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.

ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފުލުހުންނާ މިނިސްޓްރީން ކުރި މަސައްކަތުން ގޯޅިތެރޭއޮތް މީހާ މިހާރު ހޯދައިފައިވާ ކަމަށާއި އަދި އޭނާގެ ހާލަތު ގާތުން ބަލަމުންދާ ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފްސީލެއް މިނިސްޓްރީން ނުދެއެެވެ.

މީސްމީޑިއާގައި ދައުރުވި ފޮޓޯއިން ފެންނަ ގޮތުގައި ގޯޅި ތެރޭ ނިދާ މީހާ ގެންގުޅޭ ދަބަސްތަކާ އެއްޗެތިވެސް އޭނާގެ ގޮދަނޑީގެ ކައިރީގައި ހުރެއެވެ.

މަގުމަތީގައި ސަލާމް ޖަހާ މީހުންވެސް ފޮށިގަނޑުތައް ބިންމަތީގައި ބަހައްޓައިގެން ނިދާ މައްސަލަ މީގެ ކުރިން ފެންމަތިވެފައެވެ.

ދާދި ފަހުން ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފްވެސް ވަނީ މަގުމަތީގައި ސަލާމްޖަހަން އުޅޭ އުމުރުން ދުވަސްވީމީހުންގެ ހާލަތުބެއްލެވުމަށް އެ ސަރަަހައްދަށް ޒިޔާރަތްކުރައްވައިފައެވެ.